އެމްޓީސީސީ

އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފި

އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މާލޭގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ދެ ކުންފުނިން ވަނީ ސޮއިކޮށްފަ އެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ވަނީ އެމްޕީއެލް އިން ފޯރުކޮށްދެމުން ދިޔަ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތާ ހަވާލުވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއަދު މިގެނައި ބަދަލަކީ މުހިއްމު ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މި ބަދަލާއި އެކު މިހާރު ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށެވެ.

"އެމްޓީސީސީއަށް މި ނިޒާމް މި ހަވާލުކުރެވެނީ ގިނަ ބައެއްގެ އެބާރުލުމާއި އެކު" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ބަހުގެ ހިދުމަތް ދެމުން ގެންދިޔައީ މާލެ، ލ. އަތޮޅު، ފުވައްމުލަކު އަދި އައްޑޫގަ އެވެ. އެމްޕީއެލް އިން ފުވައްމުލަކާއި އައްޑޫއާއި ދެމެދު ފެރީގެ ހިދުމަތް ދީފައިވާއިރު ލ. އަތޮޅާއި އައްޑޫގެ ރަށްތަކަށް ވެސް އެމްޕީއެލް އިން ފެރީގެ ހިދުމަތް ދީފައިވެ އެވެ.

އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުގެ ހިދުމަތާ އެމްޓީސީސީން މިއަދު ހަވާލުވުމާ ގުޅިގެން އެމްޕީއެލް އިން ހިދުމަތް ދިނުމުގައި ބޭނުންކުރި ވެހިކަލްތަކާއި އުޅަނދުތަކާއި މުވައްޒަފުންނާއި އަދި ކަމާ ގުޅޭ އެހެން ވަސީލަތްތައް ވެސް އެމްޓީސީސީގެ ދަށަށް ބަދަލުވެގެންދާނެ އެވެ.

އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ.

މާލެ ސަރަހައްދުގައި އެމްޕީއެލް އިން ބަހުގެ ހިދުމަތް ދޭތާ ތިން އަހަރުވެފައިވާއިރު ހިދުމަތް ދިނުމަށް މިހާތަނަށް 84 މިލިއަން ރުފިޔާ އެ ކުންފުނިން ހޭދަކޮށްފައިވެ އެވެ. އެކަމަކު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 34 މިލިއަން ރުފިޔާ އެވެ. މިދިޔަ މުއްދަތުގެ ތެރޭގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވެ އެވެ.

"އެމްޓީސީސީއާއި އެމްޕީއެލްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ބުރަ މަސައްކަތުން މިކަން މިއަދު ކުރެވުނީ" އެއްބަސްވުމުގައި ސޮއި ކުރެވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށް ކުރެވުނު ކަމެއް ކަމަށެވެ.

އާޒިމް ވަނީ އެމްޕީއެލް އިން އެމްޓީސީސީއާ މިއަދު އަލަށް ގުޅުނު މުވައްޒަފުންނަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ މުވައްޒަފުންނަށް މިއަދު ވަނީ "ވެލްކަމް ޕެކޭޖް" ވެސް ހަވާލުކޮށްފަ އެވެ. އެމްޓީސީސީއާއި ހަވާލުކުރެވުނު މަސައްކަތް ވީހާވެސް ރަނގަޅަށް ފުރިހަމައަށް ކުރައްވާނެ ކަމުގައިވެސް އާޒިމް މިއަދު ވަނީ ވިދާޅުވެފަ އެވެ.