ހުޅުމާލެ

ދެވަނަ ފިޔަވަހިން ސީދާ މާލެއަށް ބަސް ދަތުރުތައް ފަށައިފި

Mar 2, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން ސީދާ މާލެއަށް ބަސް ދަތުރުތައް ފަށައިފި އެވެ. މިދަތުރުތައް ކުރަނީ މީހެއްގެ އަތުން ކޮޅަކަށް 15 ރުފިޔާ ނަގައިގެންނެވެ.

މިއަދުން ހެނދުނު ހިދުމަތް ފެށީ ކޮންމެ ގަޑިއިރަކުން ބަސް ދަތުރެއް ފޭސް ދޭކުން ސީދާ މާލެއަށް ކުރާ ގޮތަށެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރިއަށް ގެންދަން އެމްޓީސީސީން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން ސީދާ މާލެއަށް ބަސް ދަތުރުތައް ފަށާފައި މިވަނީ އެ ދަތުރުތައް ފެށުން ލަސްވެ ބައެއް މީހުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

މީގެކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ކުރީ މާލެ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ. ދެވަނަ ފިޔަވަހިން މާލެ އަށް ވެސް އޭރު ދަތުރުކުރީ އެގޮތަށެވެ.

ހިޔާ ފްލެޓްތައް އަޅާފައިވާ ސަރަހައްދަށް ބަހުގެ ހިދުމަތް ފުރަތަމަ ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެވެ. ބަހުގެ ހިދުމަތް ފެށި ނަމަވެސް އެ ސަރަހައްދުގެ ބަސް ސްޓޮޕްތައް ތަރައްގީކޮށް އަދިވެސް މުޅިން ނުނިމެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 6،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅޭ ކަމަށް އެނގިފައިވެ އެވެ.

ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. އެކަމަކު ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލަ އެވެ.