އިމްރާން އަބްދުﷲ

އިޔާޒުގެ ދިފާއުގައި އިމްރާން: ފިޔަވަޅު އިންސާފުވެރިއެއް ނޫން، މުރާޖާ ކުރައްވާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ މަގާމުން ވަކިކުރުމަށް ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް އިޔާޒުގެ އެކުވެރިޔާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިޔާޒަށް އެކި ފަހަރު މަތިން ވަޒީފާގެ ބިރުވެރިކަން ކުރިމަތިވެ އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވިއިރުވެސް އެއްޗެއް ވިދާޅުނުވެ ހުންނަވާ އިޔާޒު މަގާމުން ވަކިކުރެއްވުމުން އިމްރާން މިރޭ ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔުން ނުހަނު ގިނަ ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އިޔާޒުގެ ބައެއް ފިގުހީ ރައުޔާއި އޭނާއަށްވެސް އެއްބަސްނުވެވޭކަން ފާހަގަކުރައްވާ ވިދާޅުވީ އެމްއެމްޔޫއިން އިޔާޒަށް މިއަދު އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ނުދެކޭ ކަމަށެވެ.

"ދީނީ ހިލާފުތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީ ގޮތުން ރީތި އަހުލާގީ ބަހުސްކޮށް ހައްލު ހޯދެންވާނެ. ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީ އިން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ނިންމުން މުރާޖައާ ކުރަން ގޮވާލަން،" އިމްރާނަށް އަމާޒުވާ ފާޑުކިޔުންތަކާއި ރައީސް ސޯލިހަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި އަޑުއުފުއްލަވާ އިލްމުވެރިޔާ މަގާމުން ވަކިކުރި ކުރުމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވިއެވެ.