ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ފިޔަވަޅު އަޅައިދިނުމަަށް އެދި ޖަމިއްޔަތުއް ސަލަފުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަރިހުގައި އެދިވަޑައިގެންފި އެވެ.
ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޮއިކުރައްވާ މިނިސްޓަރު އިމްރާނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި 26 ޖޫން ވީ ހޮނިހިރު ދުވަހުގެ ރޭ "ކްލަބްހައުސް" ގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާނޫނުއަސާސީގެ އަސާސްތައް މުގުރައި ބާރުކެނޑުމުގެ މަގަށް ތަގުރީރުގައި އާއްމުކޮށް ވާހަކަދައްކަވައި އިއުލާންކުރައްވާފައި ކަމަށެވެ. ގާނޫނުއަސާސީ ނެގެހެއްޓުމަކީ ކޮންމެ ރައްޔިތަކަށްމެ ގާނޫނީގޮތުން ލާޒިމްކުރުވާ ކަމެއްކަމަށްވެފައި އެ ގާނޫނުތައް ހިމާޔަތްކޮށް ތަންފީޒުކުރާ ފަރާތްތަކާއި ގާނޫނުތައް ހެދުމުގެ މައި މަޖިލީހުގެ އެންމެ އިސް ފަރާތުން މިމޭރުމުން ވާހަކަ ދެއްކެވުމީ ކުށަކަށް ނުވާނެ އެއްވެސް މަގެއް ނުވިސްނޭ ކަމަށް ސަލަފުގެ ސިޓީގައި ބުނެފައިވެއެވެ.
"... އެހެނީ، ގާނޫނު އަސާސީގެ 45 ވަނަ މާއްދާ ބުނަނީ 'މި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް އަދި ބަންދުކޮށްގެނެއް ނުވާނެ' ކަމަށް،"
އެކަން އެހެން އޮއްވާ އެމަނިކުފާނު ވާހަކަ ދެއްކެވީ ބަޔަކު މީހުން ކުށެއްގެ ތުހުމަތުގައި ހިފައި ހައްޔަރުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބޭތިއްބުމުށް ކަމަށާ މިވާހަކަފުޅުގެ މޭރުމުން އެއީ ސަމާސާ ވާހަކަފުޅެއް ނޫންކަން އަޑުއެހި ކޮންމެ މީހަކަށް ދޭހަވާނެ ކަމަށެވެ. ވަކީން ހާއްސަކޮށް މަނިކުފާނަށްވެސް ވަންހަނާވެފައި ނޯންނާނެ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދަކީ މީގެ ކުރީންވެސް ގާޒީއަކު ހައްޔަރުކޮށް ކޯޓުގައި ތަޅުއަޅުވައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ބޭފުޅެއް ކަަމަށްވެސް ސަލަފުގެ ސިޓީގައި ބުނެފައިވެއެވެ.
"މިހާ ސާފުކޮށް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް 16 ވަނަ މާއްދާގައި ބަޔާންކޮށްދީފައިވާއިރުވެސް ގާނޫނީ އެއްވެސް ހަމައެއް ލަމައެއް ނެތް ބީދައިން އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެ ބީދައިން ވާހަކަ ދެއްކެވުމީ އެހެނިހެން ރައްޔިތުންނަށް އޭގެ ނުބައި އަސަރު ނުފޯރައި ނުދާނެ ކަމެއްކަން ޔަގީނެވެ. އަދި ގާނޫނުގެ އިމުގެ ބޭރުން މީހުން ހައްޔަރުކޮށް، އެބައެއްގެ އަސާސީ ހައްގުތަކަށް އަރައިގަތުމަށް ދެއްކެވި ވާހަކަފުޅާއެކު އެފަދައިން ގައިރު ގާނޫނީ އަމަލު ހިންގަވައިފިނަމަ ދެންތިބި ރައްޔިތުންނަށް އެ ދެއްކެވުނީ ނުބައިކަންބޮޑު ނަމޫނާއެކެވެ. އެހާރުން ރައްޔިތުންވެސް އެމީހަކު ބޭނުން ކަމެއްގައި އެމީހަކަށް ފެންނަ ކޮންމެ ގޮތަކަށް ގާނޫނުން ބޭރުން ކަމެއް ހިންގިޔަސް އެކަމަކީ އާދައިގެ ރައްޔިތު މީހާ ކުށްވެރިކޮށް ތަޖުރީމު ކުރެވިގެންވާނޭ ކަމެއްކަމުގައި ދިވެހިރައްޔިތުން ދެކޭން ނުޖެހޭނެ ކަމެއްކަމުގައިވެސް މި ފުރުސަތުގައި ހަނދުމަކޮށް އަރުވަމެވެ،" ނަޝީދުގެ މައްސަލަ ބައްލަވާ ފިޔަވައި އަޅައިދިނުމަށް އެދި ސަލަފުން ފޮނުވި ސިޓީގައިވެއެވެ.
"ކްލަބް ހައުސް ހަރުގެ" އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ބަޔަކު ހައްޔަރު ކުރަން ޖެހިއްޖެ ކަމަށް ވިދާޅުވާން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ދުވަހަކުވެސް ހިތަށް އަރާފައިވެސް ނުވާ ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރު ކުރަން ޖެހިއްޖެ އޭ ބުނަން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ. ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.