ޕާކިސްތާނުގެ ޖަލުތަކުގައި ތިބި އިންޑިއާ ކުށްވެރިން ތަންކޮޅެއް އަވަހަށް މިނިވަންކޮށް ގައުމަށް ފޮނުވައި ދޭން އިންޑިއާއިން އެދެފި އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބަޔާނެއް މެދުވެރިކޮށް 296 ކުށްވެރިއަކު ދޫކޮށްދޭން ވަނީ އެދިފަ އެވެ. އަދި އެމީހުންނަށް ބޭނުންވާ ބޭސް ފަރުވާއާ އަޅާލުން ފޯރު ކޮށްދިނުމަށް މަގުފަހި ކޮށްދިނުމަށް ވެސް އެދިފައި ވެއެވެ.
އިންޑިއާއާ ޕާކިސްތާނުން 2008 ގައި ހަދާފައި އޮތް ކޮންސިއުލާ އެކްސަސް އެގްރީމަންޓްގައި ބުނެފައިވާ ގޮތުން ދެ ގައުމުން ކުރެ ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ޖަލުތަކުގައި ތިބި ކުށްވެރިންގެ އަޕްޑޭޓް ލިސްޓެއް އަހަރަކު ދެފަހަރު، ޖެނުއަރީ އަދި ޖުލައިގައި، ހިއްސާ ކުރަން ޖެހެ އެވެ.
ދިއްލީއާ ހަވާލާދީ ހަވާލާދީ ހަބަރު އޭޖެންސިތަކުން ބުނާ ގޮތުން ޕާކިސްތާން ޖަލުގައި ގިނައީ އިންޑިއާގެ މަސްވެރިންނެވެ. އިންޑިއާއިން ދޫކޮށް ދޭން އެދުނު 296 ކުށްވެރިންގެ ތެރޭގަައި އާންމު މީހަކު ހުރި ކަމަށް ވެސް ވެއެވެ.
ޕާކިސްތާނުން ހިފަހައްޓާފައި ތިބި އިތުރު 194 މަސްވެރިއަކާއި އާންމުންގެ 17 މީހަކަށް ކޮންސިއުލާ އެހީތެރިކަން އިންޑިއާއިން ފޯރު ކޮށްދިނުމަށް މަގުފަހިކޮށް ދޭން ވެސް އިންޑިއާއިން އެދިފައި ވެއެވެ. އަދި އެމީހުންނަށް ސިއްހީ ފަރުވާ ދިނުމަށާއި ނަފުސާނީ ގޮތުން އެމީހުން ތިބި ހާލަތު ދެނެގަތުމަށް އިންޑިއާއިން ފޮނުވާ ޑޮކްޓަރުންގެ ޓީމަކަށް ވިސާ ދިނުމަށް ވެސް ވަނީ އެެދިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހުކުމް ތަންފީޒުކޮށް ނިމިފައި ތިބި އިންޑިއާ މީހުން ޕާކިސްތާނު ޖަލުތަކުގައި އެބަ ތިއްބެވެ. އެމީހުންގެ ސިކުނޑީގެ ހާލަތު ހުރި ގޮތުން އެއީ ކޮން ބައެއްކަން ބުނެ ދޭން އެމީހުންނަށް ވެސް ނޭނގޭ ކަމަށް ވެއެވެ. އަދި އެމީހުންގެ އިންޑިއާ އާއިލާ ހޯދަން އިންޑިއާގެ އިދާރާތަކުން ކުރިހާ މަސައްކަތަކުން އެކަން އަދި ވެސް ކާމިޔާބު ނުވާ ކަމަށް ވެއެވެ.