މާލޭ ސިޓީ ކައުންސިލް

ބޮޑުގޭ ފާރުގައި ކުރަހަން ފަށައިފި

Jul 2, 2021

މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާފަންނު ބޮޑުގޭގައި ހެދި ޕާކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އިސްލާމީ ޝިއާރުތައް ހިމެނޭ ގޮތަށް އެތަނުގެ ފާރުގައި ކުރަހަން ފަށައިފި އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ބިޑް ކާމިޔާބުކުރި އާޓިސްޓުން މިހާރު ފާރުގައި ކުރެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޮޑުގޭ ފާރުގައި ފުރަތަމަ ހުޅުވައިލީ ހިލޭ ސާބަހަށް ކުރައިދޭނެ އާޓިސްޓުން ހޯދާށެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ފަހުން އެ މަސައްކަތަށް ބިޑު ހުށަހެޅުމަށް މިދިޔަ މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ ހުޅުވައިލާފަ އެވެ.

އެމީހުންގެ މައިގަނޑު ޝަކުވާ އަކީ ކޮވިޑާއި ގުޅިގެން އާޓިސްޓުންގެ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ވަގުތެއްގައި ބޮޑު މަސައްކަތެއް ހިލޭކޮށްދިނުމަށް މޭޔަރު އެދިވަޑައިގަތުމެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ ބޮޑުގޭގައި ޕާކް ކުރާނެ ތަނެއް ހަދަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެކަމަށް އެދޭތީ އެމީހުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެތަން ހަދަން ފަށައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

މާލޭގައި ހުސްކޮށް ހުރި ޖާގަތައް ބަލަމުންދާ ކަމަށާއި އެފަދަ ތަންތަން އާންމުންނަށް ބޭނުންކުރެވޭނެ ރަނގަޅު ގޮތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.