ފްރާންސުގެ ގާނޫނު އަސާސި ބަދަލުކޮށް މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ތިން މަސް ދުވަހަށް އިތުރު ކުރާނެ ކަމަށް އެގައުމުގެ ރައީސް ފްރާންސުވާ އޮލެންޑާ ވިދާޅުވެއްޖެއެވެ.
އޮލެންޑާ އިތުރަށް ވިދާޅުވީ އައިއެސްގެ "ފަނާ ކޮށްލުމަށް" އެގައުމުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
129 މީހުން މަރާލި ޕެރިސް ހަމަލާގެ ޒިންމާ އައިއެސްއިން ނެގުމާއި އެކު ފްރާންސުން ދަނީ އައިއެސްއާއި ދެކޮޅަށް އަސްކަރީ އަދި ސިޔާސީ ކެންޕޭނެއް ފަށާފައެވެ.
ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޮލެންޑާ ވިދާޅުވީ މިފަދަ ހާލަތްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ގާނޫނުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ. މި ހަމަލާއާއި ގުޅިގެން ރައީސް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ކުރިއަށް އޮތް ދެ އަހަރު އަމްނު ބެލެހެއްޓުމަށް އިތުރު ފަސް ހާސް ފުލުހުން ކަނޑައެޅުމާއި މި މުއްދަތުގައި ޑިފެންސް ބަޖެޓުން އެއްވެސް އަދަދެއް އުނި ނުކުރުން ހިމެނެއެވެ. މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ފެންނަ ކޮންމެ މީހަކު ވީ އެންމެ އަވަހަކަށް ޑީޕޯޓު ކުރެވޭނެ އިންތިޒާމު ތަކެއް ކަނޑައެޅުމާއި، ހަތިޔާރު އެތެރެކުރާ ފަރާތްތަކަށް މިހާރަށް ވުރެ ހަރުކަށި އަދަބުތަކެއް ކަނޑައެޅުން ހިމެނެއެވެ.
އައިއެސްއާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަ ކުރުމަށް ފްރާންސުގެ ރައީސް ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ރަޝިޔާގެ ރައީސް ލާޑީމިއާ ޕުޓިންއާ ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސީރިއާއާއި އިރާގުގައި އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިތުރު ހަތިޔާރާއި ސިފައިން ފޮނުވާނެ ކަމަށް އޮލެންޑާ ވިދާޅުވިއެވެ.
އައިއެސްއިން ބުނެފައި ވަނީ އެ ޖަމާއަތުން ޕެރިސްގައި ހަމަލާ ދިނީ ފްރާންސުން އެ ޖަމާއަތާ ދެކޮޅަށް ދޭ ހަމަލާ ތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އަދި ފްރާންސުން އެ ޖަމާއަތާ ދެކޮޅަށް ހަމަލާ ދިނުމުގައި ދެމި އޮންނަ ނަމަ، އިތުރު ހަމަލާތައް އެގައުމަށާއި ދެން ހަމަލާ ތަކުގައި ބައިވެރިވާ އެމެރިކާއާއި ރަޝިޔާ ފަދަ ގައުމުތަކަށް ވެސް ދޭނެ ކަމަށެވެ.
ޕެރިސް -- ބީބީސީ