އެމްއެންޑީއެފް މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސިފައިންގެ ފޮޓޯ މައުރަޒު އާއެކު އާއިލީ ހަވީރެއް ޏ. ފުވަމުލަކުގައި ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ފޮޓޯ މައުރަޒުގައި 1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީހާއި ސިފައިންގެއަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ ފޮޓޯތައް ދައްކާލުން އޮންނާނެ ކަމަށެވެ.
މި ފޮޓޯ މައުރަޒާއި އެކީ ސިފައިންގެ ހިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް ކުޅިވަރުތައް އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަށް ހިމެނޭ އާއިލީ ހަވީރެއް އޮންނާނެ ކަމަށް އެމް އެންޑީ އެފް އިން ބުންޏެވެ.
ފުވަމުލަކުގައި ބާއްވާ މިފޮޓޯ މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4:30 އިން 6:00 އަށާއި އެރޭ 8:00 އިން 10:00 އަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 2:00 އިން 6:00 އަށް ފޮޓޯ މައުރަޒު ހުޅުވިފައި ހުންނާނެއެވެ.