ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް ޔާމީންވަނީ ދެ އަހަރުން ގިނަ ކާމިޔާބު ހޯއްދާވަފައި: މައުމޫން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުމުގައި އެމަނިކުފާނާއި ސަރުކާރުން ބުރަކޮށް މަސައްކަތް ކުރައްވާ ކާމިޔާބީ ހޯދައިފާވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިންގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޕީޕީއެމް އަށް ނިސްބަތްވާ ސަރުކާރުގެ ވެރިކަމަށް ދެއަހަރު ފުރުނު އިރު ރާއްޖޭގެ ކޮންމެ ރޮންގަކުން ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ އުފާވެރި މަންޒަރުތަކެއް ކަމަށާއި އެކި ދާއިރާތަކުން ތަރައްގީ ހާސިލްކުރައްވަމުން ގެންދާ މަންޒަރު ތަކެއް ކަމަށެވެ.

"އަދި ހާއްސަގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދެއްވުމަށް އެމަކިންފާނާއި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ކާމިޔާބީ ހޯދައްވާފައިވާކަން ފާހަގަ ކުރަމެވެ،" އެބަޔާނުގައި މައުމޫން ބުންޏެވެ.

އެބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމިން ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރައްވާ ކޮންމެ މަސައްކަތަކަށް ޕީޕީއެމް މެމްބަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމަށާއި ރައީސް ޔާމިން ގެނެއި ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަންތަށް ތަންފީޒުކުރުމަށްޓަކައި އެމަނިކްފާނު ކުރައްވާ މަސައްކަތަށް ޝުކުރު ކުރާ ކަމަށެވެ.