ލައިފްސްޓައިލް

ކާރަކަށް ހޮނުއަޅާ ބިރުވެރި މަންޒަރު

އެމެރިކާގެ ކެންސަސްގެ ވީވާލީ ކިޔާ ސަރަހައްދަކުން ދަތުރުކުރި ކަޅުކުލައިގެ ކާރަކަށް ހޮނު އަޅާ މަންޒަރު ބަލާފައި ގިނަ ބަޔަކަށް ޝޮކް ލިބިއްޖެ އެވެ. ފަސް މީހުނާއެކު ދަތުރުކުރި މި ކާރަށް ހޮނު އެޅީ ބޯ ވާރޭގެ ތެރޭގައި މަގަކުން ދުއްވާފައި ދަނިކޮށެވެ. ހޮނުއަޅާ މަންޒަރު ވަރަށް ރީތިކޮށް ވީޑިއޯ ކުރެވިފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި އިއްޔެ އެންމެ ގަދައަށް ވައިރަލް ވެފައިވަނީ މި ވީޑިއޯ އެވެ.

މި މަންޒަރު ވީޑިއޯ ކުރީ ހޮނުއެޅި ކާރުގެ ފަހަތުގައި އޮތް ކާރެއްގައި އިން މީހެކެވެ. އޭނާ ކެމެރާ އިން ވާރޭ ވެހޭ މަންޒަރު ވީޑިއޯ ކުރަނިކޮށް މި މަންޒަރު ވެސް ވީޑިއޯ ކުރެވުނީ އެވެ.

ނިއުސްވީކްގެ ރިޕޯޓެއް ބުނާ ގޮތުގައި ހޮނު އަޅައިގެން ކާރަށް ގެއްލުން ވިޔަސް އޭގައި ތިބި މީހުނަށް ގެއްލުމެއް ނުވެ އެވެ. ކާރުގައި ތިބީ ދެމަފިރިއަކާއި އެމީހުންގެ ތިން ދަރިންނެވެ.

ފޮޓޯ ނެގި މީހާ ބުނި ގޮތުގައި ހޮނުއެޅުމުން ކާރުގައި ތިބި މީހުންނަށް ތިބީ ޝޮކެއް ލިބި ހުއްޓިފަ އެވެ. އެމީހުންނަށް ގޮވަން ފެށުމުން އެންމެ ކުރިން ވެސް ހޭވެރިކަން ވެގެން ބެލީ ކުދިންގެ ހާލު ކަމަށާއި ކުދިންނަށް ނަސީބަކުން އެއްވެސް ގެއްލުމެއް ނުވާ ކަމަށް ފޮޓޯގްރާފަރު ބުންޏެވެ.

ހޮނުއެޅުމުގެ ސަބަބުން ކާރު އޮތީ ހަލާކުވެ ގިއަރު ވެސް ތާށިވެފަ އެވެ. މި ވީޑިއޯ ޔޫޓިއުބުން ބެލި ގިނަ މީހުން ބުނީ މި މަންޒަރު ފެނިފައި ބިރުން ހަލާކުނުވީ ކިރިޔާ ކަމަށެވެ. އަދި ކާރުގައި ވަރަށް ކުޑަ ކުޑަ ތިން ކުދިން ތިބުމުން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ.