ލައިފްސްޓައިލް

ކިނބުލެއްގެ ޝިކާއަރަކަށްވެ އެއް އަތް އުމުރަށް ގެއްލިފައި

އެމެރިކާގެ ފްލޯރިޑާއަށް ނިސްބަތްވާ އެރިކް މާޑާ (44 އ) އަކީ ކިނބުލެއްގެ ފަރާތުން ބޮޑު އަނިޔާއެއް ލިބި އެއް އަތް ދާއިމަށް ގެއްލިފައިވާ މީހެކެވެ.

އެރިކް އަކީ ބަގީޗާ ހައްދާ މީހުން ގެންގުޅޭ ގަސްތަކަށް ފެން ދިނުމަށް ބޭނުންކުރާ އިރިގޭޝަން ސިސްޓަމް ހަރުކޮށްދިނުމުގެ މަސައްކަތް ކުރާ މީހެކެވެ.

އޭނާއަށް ކިނބުލުގެ ހަމަލާ އަމާޒުވީ އެއް ދުވަހަކު މަސައްކަތް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ޖަންގައްޔެއް ހެން އޮތް ގަސްތަކެއްގެ ތެރެއަށް ވަދެ އުޅެނިކޮށް މަގު އޮޅި، ޗަކަ ފެންގަނޑެއްގެ ތެރެއަށް އެރި އެ ފެންގަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ.

އޭނާ ޗަކަ ފެންގަނޑަށް އެރުނީ ދަތުރުކުރަންވީ މަގު ފެނޭތޯ ދެގަނޑިއިރު މަސައްކަތް ކުރުމަށްފަހު އެކަން ކާމިޔާބު ނުވުމުން އެ ފެންގަނޑުގެ އަނެއް ފަރާތުގައި އޮތް ހިކިފަސް ސަރަހައްދަށް ދިއުމަށްޓަކަ އެވެ. އެރިކް ފެންގަނޑަށް އެރިފައި ހިނގާފައި ދަނިކޮށް ފަހަތުން އައި ކިނބުލެއް އޭނާގެ އަތުގައި ކުއްލިއަކަށް ދަތް އެޅީ އެވެ.

"އަހަރެންނަށް އިހުސާސް ކުރެވުނު ކިނބޫ އަހަރެން ފަހަތުން އަންނަކަން. އަހަރެން އަތުގައި ދަތް އެޅުމަށް ފަހު ތިން ފަހަރު ފެންގަނޑުގެ އަޑިއަށް ދަމައިގެން. އަހަރެން ފެންގަނޑު ތެރެއަށް ޣަރަގުކޮށްލަން އޭތި މަސައްކަތް ކުރީ. އަހަރެން ކަނާތު އަތުގައި އޭތި ދަތް އަޅާފަ އޮތީމަ އަހަރެން އަނެއް އަތުން އޭގެ ވަށައިގެން އޮޅާލައިގެން އޮތީ ފެންމަތީގައި އޮވެވޭތޯ،" ހާދިސާ ހިނގަން މެދުވެރިވި ސަބަބުން އެރިކް ކިޔައިދިނެވެ.

ކިނބޫ، އެރިކް ދޫކޮށްލާފައި ދިޔައީ އޭނާގެ ކަނާއަތް އުފުރާލައިގެން އެ ސޮރުގެ އެ ދުވަހުގެ ކެއުމަށް ލިބިގެންނެވެ. އެހެންނޫންނަމަ އެ ދުވަހު އެރިކް އަށް ސަލާމަތްވުމުގެ ފުރުސަތު ކުޑަކަމަށް އެރިކް ބުނެ އެވެ. ހައިރާންވެ ބިރުގަނެފައި ހުރިވަރުން ކޮނޑާދިމާލުން ކަށިގަނޑު ފެންނަން އޮތް ނަމަވެސް އޭރު ތަދު އިހުސާސް ނުވާކަމަށް އެރިކް ބުންޏެވެ.

އެރިކް ރަނގަޅަށް އޮތް އަތުން ގަދަ ހިތްވަރުން ފަތާފައި އަނބުރާ ހިކިފަސް ތަނަށް ދިޔަ އެވެ. އެތަނަށް އެރުމާ އެކު ވީނުވީއެއް ނޭނގި އޭނާ ހޭނެތިގެން ވެއްޓުނީ އެވެ.

އެރިކް އަށް ހޭވެރިކަންވީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. އޭރު އޭނާގެ ބޯމަތިން އުދުހެމުން ދިޔަ މަތިންދާ ބޯޓެއްގެ ސަމާލުކަން ހޯދަން އެރިކް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

"ހީވީ ޗަސްބިން އަހަރެން އެތަނުގައި ބަންދުކޮއްލާފައި އޮތްހެން. ނަމަވެސް އަހަރެން އަޒުމު ކަނޑައެޅިން އެވަގުތު އެތަނުން މަރުވުމުގެ ކުރިން ނިކުންނަން،" އެރިކް ބުންޏެވެ.

އެތަނުން ސަލާމަތްވުމުގެ މަސަތްކަތް ތިން ދުވަސް ވަންދެން އެރިކް ކޮށްފައިވެ އެވެ. އެތަނުގައިވާ ޗަކަފެން ބޮމުން ގަސްތަކުން ލިބުނުު މަދު ކާނާ ކޮޅެއް ކާލައިގެން އަޅަމުންދިޔަ ވޭނުގައިވެސް އޭނާ ހިތްވަރު ކުރި އެވެ.

މިހާލުގައި އެތައް ވޭނެއް ތަހައްމަލް ކުރުމަށްފަހު، ހާދިސާ ހިނގިތާ ތިންވަނަ ދުވަހު އެރިކް އަށް ވަނީ މީހުން ދިރިއުޅޭ ހިސާބަކަށް ދެވިފަ އެވެ. އެ ސަރަހައްދުން ފެނުނު މީހެއްގެ ސަމާލުކަން ހޯދުމަށް އެރިކް ހަޅޭއްލަވަން ފެށި އެވެ.

އެމީހާއަށް އެރިކްގެ ހަޅޭކުގެ އަޑު އިވި ފުލުހުންނާ ކައިރި ހޮސްޕިޓަލެއްގެ ސަމާލުކަމަށް އެކަން ގެނަ އެވެ. މަދުވަގުތުކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރެއް އެ ސަރަހައްދަށް އައިސް ވަގުތުން އެރިކް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޖެހިގެން އައި ތިން ހަފްތާ އެރިކް އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި އަތަށް ފަރުވާ ހޯދުމަށެވެ.

މިހާރު އެރިކް އަަކީ އެއް އަތް ނެތް ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ.