ލައިފްސްޓައިލް

މަރުވި ކަމަށް ރެކޯޑުން ދައްކާ މީހާ އަލުން ކައިވެނި ކުރަނީ!

އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ މީހެއް ކަމަށްވާ ލާލް ބިހާރީ މަރުވެއްޖެ ކަމަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން ނިންމާ އޭނާގެ ނަމުގެ ކައިރީގައި މަރުވެފައިވާ މީހެއް ކަމަށް ޖަހާފައި ވަނީ 1975 ވަނަ އަހަރު އެވެ.

އޭރުން ފެށިގެން ބަރާބަރު 18 އަހަރު ވަންދެން ލާލް ބިހާރީއަށް އޭނާ މަރުނުވާ ކަން ސާބިތު ކޮށްދޭން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ހަނގުރާމަ ކުރަން ޖެހުނެވެ.

މިހާރު އުމުރުން 66 އަހަރު ވެފައިވާ ލާލް ބިހާރީއަކީ މަރުނުވާ މީހެއް ކަން ސަރުކާރުން ގަބޫލުކުރީ އޭނާ މަރުވި ކަމަށް ނިންމިތާ 18 އަހަރު ފަހުންނެވެ.

މިހާރު ސަރުކާރުގެ ރެކޯޑްތަކުގައި ލިޔެފައިވާ ގޮތުގައި ލާލް ބިހާރީ އަކީ ޖޫން 30، 1994 ގައި އަލަށް އުފަންވީ މީހެކެވެ. މާނައަކީ އޭނާގެ ހަޔާތުގެ ބާކީ ދުވަސްތައް ރެކޯޑްތަކުން ގެއްލުނީ އެވެ.

ލާލް ބިހާރީ ބުނި ގޮތުގައި މިހާރު ރެކޯޑްތަކުގައިވާ ގޮތުން އޭނާގެ އުމުރަކީ 27 އަހަރެވެ. އެހެންވެ 56 އަހަރުގެ އަނބިމީހާ އާ އަލުން ކައިވެނި ކުރަން އޭނާ ވަނީ ގަސްތު ކޮށްފަ އެވެ.

"ކައިވެނި ކުރަން ގަސްތު ކުރަނީ 2022 ގައި. އެއީ އަހަރެން ކަހަލަ 'މަރުވެފައިވާ' ކަމަށް ނިންމާފައިވާ އެތައް ބަޔަކަށް މިކަމުގެ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރާ ކަމެއް. މުދަލުގެ ދަހިވެތިކަމުގައި އެއްބަނޑު އެއްބަފާ މީހުން އެމިހުންގެ ބޭބެއިން ނުވަތަ ކޮއްކޮއިން މަރުވެފައިވާ ކަމަށް ހެކިބަސް ދީގެން އެމީހުންގެ މުދާ އަތުލާފައި އެބަހުރި. އެފަދަ މީހުން މުޅި އުމުރަށްވެސް އުޅެން ޖެހެނީ މަރު ނުވާ ކަން ސާބިތު ކޮށްދޭނެ ގޮތެއް ނޭނގިގެން،" ލާލް ބިހާރީ ބުންޏެވެ.

އޭނާ މަރުވެފައިވާ ކަމަށް ރެކޯޑްތަކުގައި ލިޔެފައިވާ ހުރި ދުވަސްތަކުގައި ލާލް ބިހާރީއަށް ތިން ދަރިން ލިބި އެ ތިން ދަރިން ބޮޑެތިވެ މިހާރު އެމީހުން ވަނީ ކައިވެނި ވެސް ކޮށްފަ އެވެ.

އެންމެ މަޖާ ކަމަކީ ރެކޯޑްތަކުގައިވާ ގޮތުން ލާލް ބިހާރީ އޭނާގެ އަމިއްލަ ދަރިންނަށް ވުރެ ވެސް ހަގެވެ.

ލާލް ބިހާރީ ބުނި ގޮތުގައި އޭނާ މަރުވި ކަމަށް ސަރުކާރުގެ ރެކޯޑްތަކުގައި ލިޔުވުނު ގޮތެއް ޚުދް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ. މަރު ނުވާކަން ސާބިތު ކޮށްދޭން އެހާ އުނދަގޫވީ އެހެންވީމަ ކަމަށެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ކާގަޒް" އަކީ ލާލް ބިހާރީގެ ހަޔާތުގެ ވާހަކައަށް ބޮލީވުޑް ފިލްމު ޑައިރެކްޓަރު ސަތީޝް ކޯޝިކް އުފެއްދި ފިލްމެކެވެ. މި ފިލްމުގައި ލާލް ބިހާރީ އަށް ކިޔަނީ ބާރަތު ލާލް އެވެ.