ހަބަރު

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގެ ޝަރީއަތް އަވަސް ކުރަން އެދި އުއްތަމަ ފަނޑިޔާރަށް ސިޓީއެއް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކުރާ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދި އަމިއްލަ ފަރާތަކުން އުއްތަމަ ފަނޑިޔާރަށް ސިޓީ ފޮނުވައިފި އެވެ.

ކ. ތުލުސްދޫ ބިނާ، އަބްދުﷲ ޝަރީފް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުވާފައިވާ ސިޓީ ގައި ވަނީ އެ މައްސަލަ ކޯޓަށް ފޮނުވިތާ ދެ އަހަރު ވީއިރު ވެސް އެ މައްސަލަ ނިމިފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ މައްސަލައަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އިގްތިސާދީ ހަމަޖެހުމާއި ގުޅިފައިވާ މައްސަލައަކަށްވުމުގެ އިތުރުން އެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމާ ގުޅިފައިވާ މައްސަލައެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެހެންވެ އެ މައްސަލަ އަވަހަށް ނިންމުމަކީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށް ވާތީ އެ ޝަރީއަތް އަވަހަށް ގެންދިއުމުގެ ޒިންމާ އޮތީ އުއްތަމަ ފަނޑިޔާރަށް ކަން ހަނދާން ކޮށްދޭ ކަމަށް އުއްތަމަ ފަނޑިޔާރަށް އިއްޔެ ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.

"އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުން ކަމުގައި ދެކެ އުޅޭކަން މަނިކުފާނު ވެސް ދެނެވަޑައިގަންނަވާނެވެތެ." އެ ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އަބްދުﷲ ގާޒީ ބަންދުކުރި ހާދިސާއަކީ ބިރުވެރިކަމުން ރާއްޖެ ސިއްސުވާލި ހާދިސާއެއް ކަމާއި ބޭރުގެ ޖަމާއަތްތަކުން ވެސް އެކަން ސިފަކުރީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއްގެ ގޮތުގައި ކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ އިތުރުން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު އަދި މިހާރުގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ އާއި އޭރުގެ ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.

އެ ހުރިހާ ބޭފުޅުންގެ ޝަރީއަތް ވެސް އޮކްޓޫބަރު، 2012 ގައި ހުޅުމާލޭ ކޯޓުގައި ފެށި ނަމަވެސް 2013 ގައި ހައި ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ޝަރީއަތް ވަނީ ހުއްޓިފަ އެވެ. އެގޮތަށް ހައި ކޯޓުން އަމުރު ނެރުނީ އެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ހައި ކޯޓުގައި ހިނގަމުން ދަނިކޮށް އެ މައްސަލަ ބަލާ ހައި ކޯޓުގެ ބެންޗުގައި ހިމެނޭ އެ ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ސަސްޕެންޑް ކުރުމާ އެކު ހައި ކޯޓުގައި އޮތް މައްސަލަ ވެސް ވަނީ ހުއްޓިފަ އެވެ. އޭގެފަހުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ޝަރީފް ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާތީ ޝަރީފްގެ ބަދަލުގައި އެ ބެންޗަށް އެހެން ފަނޑިޔާރަކު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް ހައި ކޯޓުން ވެސް އެ މައްސަލައިގެ ޝަރީއަތެއް ކުރިއަކަށް ނުގެންދެ އެވެ.

ހައި ކޯޓުގައި އެ މައްސަލަ އޮއްވާ ހުޅުމާލޭ ކޯޓުގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓަށް ބަދަލު ކުރުމާ ގުޅިގެން ހުޅުމާލޭ ކޯޓުގެ ބެންޗު ވެސް ވަނީ އުވިފަ އެވެ.