އިންޑިއާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރު އަހްމަދު އުޝާމް އެ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފަށް ގޮވާލައްވައިފި އެވެ.
އުޝާމް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއާ ގުޅޭ ގޮތުން ބައެއް ނޫސްތަކުގައި ރިޕޯޓް ކުރަމުންދާ ގޮތުން ޝަރީފް ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ހަމަލާ ދޭނެ ކަމަށް ބުނެ ބިރުދެއްކުމަށް ސޯޝަލް މީޑިއާގައި ހިންގަމުން ގެންދާ އަމަލުތައް ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މަރަދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ޝަރީފް އިތުރަށް ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ އަވަށްޓެރިއެެއްގެ އިތުރުން ރާއްޖޭގެ ވަރަށް ގާތް ގައުމެއް ކަމަށެވެ. އެހެންކަމުން އިންޑިއާގެ ހައިކޮމިޝަންގައި ތިއްބަވާ ބޭފުޅުންނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދިނުމަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޝަރީފްގެ މި ވާހަކަަތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ނުވަތަ އެތަނުގެ އޮފިޝަލުންނަށް ހަމަލާ ދިނުމަށް އެއްވެސް ފަރާތަކުން ގޮވާލާފައި ނުވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅަށް ކެމްޕޭނެއް ކުރިއަށް ގެންދިއުމަކީ ހަމަލާއެއް ދިނުމަށް ގޮވާލުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަށް އެއްބަސް ނުވެވޭތީ އެ ސަބަބަށްޓަކައި ކަމުގެ ހަގީގަތް އޮޅުވާލުމަށް މަގާމު ބޭނުންކުރުން ހުއްޓާލާ،" މަޖިލީހުގައި އިންނަވާ އަމިއްލަ މެންބަރު އުޝާމް ވިދާޅުވެފައިވެ އެވެ.
އިންޑިއާއާ ދެކޮޅަށް ހަބަރު ފަތުރާ ރާއްޖޭގެ މީޑިއާތަކަށް ފިޔަވަޅު އަޅައިދިނުން އެދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އަދި މިކަމާ ގުޅޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ.
މި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ހަބަރު ފަތުރާ ގޮތާ މެދުގައި ކަންބޮޑުވާ ކަމަށެވެ. އިންޑިއާއާ ގުޅިގެން ރިޕޯޓް ކުރާ ބައެއް ހަބަރުތަކުގެ ސަބަބުން ހައި ކޮމިޝަންގެ މަސައްކަތައް އުނދަގޫވެ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރްގެ ކަރާމާތައް ބުރޫ އަރަމުންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލާގައި އަވަސް އިން ސުވާލުކުރުމުން އިންޑިއަން ހައި ކޮމިޝަނުން ބުނީ މި މައްސަލައަކީ ދެ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައަކަށް ވުމުން ހައި ކޮމިޝަނުން މައްސަލާގައި އެއްޗެކޭ ބުނަން ބޭނުން ނުވާ ކަމަށެވެ.