ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫގައި 24 ގަޑިއިރު ކާފިއު

ގދ. ތިނަދޫގައި ކޮވިޑް-19 އިގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެ ހާލަތު ގޯސްވުމުން 24 ގަޑިއިރު ކާފިއު ހިންގަން ފަށައިފި އެވެ.

ތިނަދޫ ކައުންސިލުން ބުނީ 24 ގަޑިއިރު ކާފިއު ހިންގަން ނިންމާފައިވަނީ ހަފްތާއެއްގެ މުއްދަތަށް ކަމަށެވެ. މި މުއްދަތުގައި ގެއިން ބޭރަށް ނިކުމެ އުޅުން މުޅީން މަނަލެއެވެ. އެހެން ކަމުން ކުރީން ދޫކޮށްފައިވާ ޕޮލިސް ޕާމިޓްތައް ހަފްތާއެއްގެ މުއްދަތަށް ސަސްޕެންޑްވާނެ އެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު ވިދާޅުވީ ތިނަދޫގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ރަށުގައި ޓެސްޓް ހެދޭނެ ވަސީލަތެއް ނެތް ކަމަށާއި ހަމައެކަނި ހުރި މެޝިނަކީ ޖީން އެކްސްޕާޓް - ބަލީގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓު ކުރެވޭ މެޝިނެއް ކަމަށެވެ.

"އެހެންވެ ތިނަދޫގައި ނަގާ ސާމްޕަލްތައް މި ޖެހެނީ މާލެ ފޮނުވަން. އެގޮތަށް ފޮނުވާ ސާމްޕަލް ތަކުގެ ނަތީޖާ 72 ގަޑިއިރު ލިބޭ،" ސައީދު ވިދާޅުވީ އެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި ޕީސީއާރް ޓެސްޓު ނުހެދޭތީ ރައްޔިތުން ކަންބޮޑުވާ ކަމަށާއި މި ހަފުތާ ތެރޭގައި ޕީސީއާރް ޓެސްޓް ހެދެނޭ އިންތިޒާމް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތިނަދޫގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ ބައެއް ކަންކަން ކުރުމަށްޓަކައި އެމްއެންޑީއެފްގެ އެހީއަށް ކައުންސިލުން އެދިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ނަމަވެސް އަދި މިހާތަނަށް އެހީތެރިކަން ލިބިފައި ނުވާ ކަން ފާހަގަ ކުރެއްވި އެވެ.

ތިނަދޫގައި 1،700 ގޭގައި ދިރިއުޅެމުންދާއިރު މިވަގުތު އެ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 10،000 އެވެ. ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު 726 މީހުނަށް ވަނީ ކޮވިޑް ބަލި ޖެހިފަ އެވެ. މީގެތެރެއިން 451 މީހުން ބަލިން ރަނގަޅުވެފައި ވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 275 އެވެ. އަދި ހާލު ދެރަވެގެން ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ މީހަކު ވަނީ މަރުވެފަ އެވެ. މި ވަގުތު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ.

ތިނަދޫގައި ކޮވިޑް ވެކްސިން ދީފައިވާ ގޮތަށް ބަލާއިރު 6،181 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. މީގެތެރެއިން ވެކްސިން ފުރިހަމަކޮށްފައި ވަނީ 2375 މީހުންނެވެ.