ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫގައި އެޅި ފިޔަވަޅުތަކަށް ލުއި ދީފި

ކޮވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރަން ގދ. ތިނަދޫގައި އެޅި ފިޔަވަޅުތަކަށް ލުއި ދީފި އެވެ.

ކޮވިޑް ފެތުރެމުންދާތީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ތިނަދޫ އަދިވެސް އޮތީ މޮނިޓަރިންގަ އެވެ.

ކޮވިޑް 19 މީގެކުރިން ބާރަށް ފެތުރެން ފެށުމާ ގުޅިގެން ތިނަދޫގައި މީގެ ކުރިން ވަނީ 24 ގަޑިއިރު ކާފިއުވެސް ހިންގާފަ އެވެ. އަދި ބޭރަށް ނުކުމެވެނީވެސް ހަފްތާއަކު އެއްފަހަރު އެއް ގެއިން އެކަކަށް އެއް ގަޑިއިރަށެވެ.

ތިނަދޫ އިން އިއްޔެވެސް 15 މީހުން ޕޮޒިޓިވްވެފައިވާ އިރު ޖުމްލަ 845 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި ދެ މީހަކު މަރުވެސް ވެފައިވެ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އަވަސް އަށް ވިދާޅުވީ ފިޔަވަޅުތަކަށް ލުއި ދޭން ނިންމީ ބަލި ކޮންޓްރޯލްވާ ކަމުގެ ފެހި ސިގްނަލް ލިބުމުން ކަމަށެވެ.

"މިހާރު ޕޮޒިޓިވް ވަނީ ގޭގައި ތިބި މީހުން. އަނެއްހެން ރޭންޑަމް ސާމްޕަލްތަކެއް ނޫން. ދެން އަދިވެސް ކާފިއު އޮންނާނެ. އެކަމަކު ގެއަކުން އެކަކަށް ހަފްތާއަކު އެއްފަހަރު އެއް ގަޑިއިރަށް ނުކުމެވޭ ގޮތަށް އޮތް އޮތުން މިހާރު ވަނީ ބާތިލުކޮށްފައި. ދެން މީހުންނަށް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޕޯޓަލްއިން ޕާމިޓް ނަގައިގެން" ސައުދު ވިދާޅުވި އެވެ.

ފިޔަވަޅުތަކަށް ލުއި ދޭން ނިންމީ މިއަދުން ފެށިގެން ހަތް ދުވަހަށެވެ.

ތިނަދޫގައި ދިން އިތުރު ލުއިތައް

  • ޕޮލިސް ޕާމިޓާ ނުލައި ޖަމާއަތަށް ނަމާދަށް ދާން ހުއްދަ ދިނުން
  • ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދިނުން
  • ފަތިހު 5:30 އިން 6:30 އަށް ޕޮލިސް ޕާމިޓާ ނުލާ ކަސްރަތުކުރަން ބޭރަށް ނުކުންނަން ހުއްދަ ދިނުން
  • ތިނަދޫ ކައުންސިލް އިދާރާގެ ކޮވިޑް 19 ސޯޝަލް ސަޕޯޓް ހެލްޕް ޑެސްކުން ދޫކުރާ ހާއްސަ ހުއްދައިގެން ދަށުން މަސްވެރިކަން ކުރަން އުޅަނދުތަކަށް ހުއްދަ ދިނުން