ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިނގިލި ކޮވިޑު ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރަން ގޮވާލައިފި

Aug 31, 2020

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާ ގއ. ވިލިނގިއްޔަށް ނޭރުވުމުގެ މައްސަލަ ހޫނުވެފައިވާއިރު، އެ ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވާލައްވައިފި އެވެ.

ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ގދ. އަދި ގއ. ރީޖަންގެ ފެސިލިޓީ ހުންނަނީ ވިލިނގިލީގަ އެވެ. ނަމަވެސް ތިނަދޫ އިން ބައްޔަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު އެ ފެސިލިޓީގައި ފަރުވާ ދިނުމަށް ގެންދިޔުމުން އެރަށު ބަޔަކު ވަނީ ނިކުމެ އެމީހާ އެރަށަށް އެރިޔަ ނުދޭން މުޒާހަރާކޮށްފަ އެވެ.

ފެސިލިޓީއަށް ގެންދިޔުމަށް ދެކޮޅު ހަދާ ވިލިނގިލީ ރައްޔިތުންތަކެއް މުޒާހަރާ ކުރުމާ ގުޅިގެން ސީއެމްބިއުލާންސް ތެރޭގައި ބަލި މީހާ ބާއްވައިގެން ފަޅުތެރޭގައި ދެ ގަޑިއިރު އޮންނަން ޖެހުނެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ މިހާރު ތިނަދު އަށް އަނބުރާ ގެނެސް އެހެން ފެސިލިޓީ އަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވަމުން، މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ ވިލިނގިލީގައި މިއަދު ހިނގީ ވަރަށް ދެރަކަމެއް ކަމަށެވެ. އެހެންވީމާ އެހެން ރަށެއްގައި އެ ފެސިލިޓީ ގާއިމް ކުރުމަށާއި މިއަދު ކަން ހިނގިގޮތް ތަހުގީގުކުރަން އޭނާ ގޮވާލެއްވި އެވެ.

"މުޅި ހުވަދުއަތޮޅުގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު މިއަދު ގޮވާލަން އެޗްޕީއޭއަށާއި ހެލްުތު މިނިސްޓްރީއަށާއި އަދި ނެޝަނަލް ޓާސްކްފޯހަށް ވިލިނގިލީގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެެހެން ރަށަކަށް ބަދަލުކުރަން،" މިއަދު ހިނގި ހާދިސާއަކީ އިދިކޮޅުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވަމުން ފިރުޝާނު ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ރަށެއްގައި ދައުލަތުގެ އެއްވެސް ތަނެއް ބަހައްޓައިގެން ނުވާނެ ކަމަށެވެ. ބަލިމީހާ ވިލިނގިލީ ފަޅުތެރޭގައި ހަތަރުގަޑިއިރު ބާއްވަން ޖެހުނުކަމަށް ވިދާޅުވެ، ވިލިނގިލީ ރައްޔިތުންނަށް ސަނީފް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"މިހާރުން މިހާރަށް ބަދަލުކޮށް އެހެން ތަނެއްގައި ހިދުމަތް ދޭން ފަށަން އަޅުގަނޑު އިލްތިމާސް ދަންނަވަން،" ސަނީފް ވިދާޅުވި އެވެ.

ނަމަވެސް، އެކަމަށް ރައްދު ދެއްވައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ކޮވިޑު ޖެހިފައިވާ މީހާ ވިލިނގިއްޔަށް ނޭރުވި ކަމަށް ބުނެ މީޑިއާގައި ފަތުރާފައިވާ ހަބަރަކީ ދޮގެއް ކަމަށެވެ.

ވިލިނގިލީ ރައްޔިތުން ހުއްދަ ނުދިނީ ބަލިމީހާއާއެކު އެރަށަށް ދިއަ އެހީތެރިޔާއަަށް ކަމަށާއި އެކަނި ފެސިލިޓީއަށް ދާން އެއްބަސްނުވީ ބަލިމީހާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިނިގިލީގައި ހުރި ފެސިލިޓީއަކީ ބަލިމީހަކަށް ފަރުވާދެވޭ ހާލަތެއްގައި ހުރި ތަނެއް ނޫން ކަމަށް ވިދާޅުވެ، އޭނާ ހެލްތު މިނިސްޓްރީއަށާއި އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ކަންބޮޑުވޭ ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި ބަލިމީހަކު ތިނަދޫގައި މަތީފަންތީގައި ފަރުވާ ލިބެން އޮތް ރަށަކުން އެއްވެސް ފަރުވާއެއް ނެތް ތަނަކަށް ގެންދިޔައިމަ. [ހަމައެކަނި] ބެޑެއް ބަހައްޓާފައި ހުރި ތަަނަކަށް ގެނައިމާ ކްރިޓިކަލް ޕޭޝަންޓަކަށް ފަރުވާދޭނީ ކިހިނެތްތޯ؟" އޭނާ ވިދާޅުވި އެވެ.

ތިނަދޫ އިން މީހަކު ޕޮޒިޓިވް ވިކަން އެނގުނީ އޮޕަރޭޝަނެއް ކުރުމަށް އެރަށު ހޮސްޕިޓަލަށް ދިޔުމުން، އޮޕަޜޭޝަންގެ ކުރިން އޮންނަ އުސޫލެއްގެ މަތިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.

ތިނަދޫ އިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 68 އަހަރު މީހެކެވެ. ކޮވިޑް-19 ޖެހޭ އުމުރުން ދުވަސްވީ މީހުންނަކީ ހައި ރިސްކް މީހުން ކަމަށްވާތީ އެމީހުންނަށް ފަރުވާ ދޭން ޖެހޭނީ ފެސިލިޓީސްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ ރަށަށް ނާރުވަން މުޒާހަރާ ކުރީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އަދި އެއީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށާއި އެއްވެސް ތަފާތު ކުރުމެއްނެތި ހުވަދޫ ރައްޔިތުންނަށް އެ ފެސިލިޓީގައި ފަރުވާ ދެވެންޖެހޭނެ ކަމަށެވެ.