ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އަމަލުކުރަމުންދާ ގޮތާއި މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހިތްހަމަނުޖެހޭތީ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.
ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ވެސް ނޫނެވެެ. އަދި މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ވެސް ނޫނެވެ.
ޕީޖީ އޮފީހުން ބުނީ އަލީ ވަހީދު ޝަރީއަތަށް ހާޒިރުވީ ކޮން ތަނެއްގައި ހުރެގެން ކަން ނޭނގޭ ކަމަށާއި އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށެވެ.
ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވަނީ އެކަމަށް މިހާރު ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަހުސް ނުކުރެވޭނެ ކަމަށެވެ. ޝަރީއަތުން ނިންމާ އެފަދަ ނިންމުންތައް ދެފަރާތާ ލިޔުމުން ހިއްސާކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ދައުލަތާ ހިއްސާ ކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ގާޒީ ހަސަން ސައީދާ ހަވާލާދީ ޕީޖީ އޮފީހުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ނިންމީ އިސް ގާޒީ އަހްމަދު ޝަކީލުގެ ލަފަޔާއެކުގައި ކަމަށް ޝަރީއަތުގައި ގާޒީ ވިދާޅުވި ކަމަށެވެ. ނަމަވެސް ވަކި ގޮތަކަށް އޮތް ކަމެއްގައި އަދި ވަކި ގޮތަކަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތް ކަމެއްގައި އިސް ގާޒީގެ ލަފަޔަކީ ދެވޭނެ ލަފަޔެއް ކަމަށް ނުފެންނާތީ އެލަފާފުޅު ހިއްސާކޮށްދިނުމަށް އެދުނު ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ލިޔުން އަދިވެސް ހިއްސާކޮށްފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހު ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް 10 ދުވަސް ކޯޓުން ދިނެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އަޑުއެހުމާއި ހަމައަށް އަލީ ވަހީދުގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އެމުއްދަތު ފާއިތުވިތާ ތިން މަސް ފަހުން މިމަހުގެ 10 ވަނަ ދުވަހު އަލީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް އޭނާގެ ވަކީލުން ވިދާޅުވެފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އަލީގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ލިބިފައި ނުވާ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ އޮފީހުން ބުނީ އަލީ ވަހީދުގެ މައްސަލައިގައި ގާޒީ ނިންމާފައިވާ ނިންމުންތައް އެ އޮފީހާ ހިއްސާކުރުމަށް އެދުނު ނަމަވެސް އެކަންކަން ހިއްސާކޮށްފައި ނުވާ ކަމަށެވެ. މީގެތެރޭގައި ބޭރަށް ދާން ހުއްދައަށް އެދުނު މެޑިކަލް ޑޮކިއުމެންޓްތަކާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބާއްވައިދިނުމަށް އެދި ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތައް ހިމެނެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ފެތޭ ކަމަކަށް ޕީޖީ އޮފީހުން ނުދެކެ އެވެ.
އެހެންކަމުން އަލީގެ ޝަރީއަތަކީ ވީޑިއޯ ކޮންފަރެންސްކޮށް ހިންގޭނެ ޝަރީއަތެއް ނޫން ކަމަށް ދައުލަތުން ދެކޭތީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރީއެވެ. އިސްތިއުނާފުގެ އެ މައްސަލަ ބަލައިގެންފައިވާކަން ހައިކޯޓުން މިއަދު ވަނީ ޔަގީންކޮށްދީފައެވެ.