ދުނިޔެ

އެމެރިކާއިން އަފްޣާނިސްތާނަށް އެހީވާން ގަތަރުގައި އޮފީހެއް

އެމެރިކާއިން އަފްޣާނިސްތާން ސިފައިންނަށް އެހީތެރިވާން ގަތަރުގައި ސެކިޔުރިޓީ އޮފީހެއް ހުޅުވަނީ އެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުން އޮފިސް ހުޅުވަން ހުއްދަ ދެއްވައި ވެރިއަކު ވެސް ވަނީ ހަމަޖައްސަވާފަ އެވެ. އޮފީސް ހިންގަން ހަވާލުކޮށްފައި ވަނީ ބްރިގޭޑިއާ ޖެނެރަލް ކާޓިސް ބަޒާޑްއާ އެވެ.

އަފްޣާނިސްތާނުން ޓެރަރިޒަމް ނައްތާލުމަށް ކަމަށް ބުނެ އެމެރިކާ ސިފައިން އެ ގައުމަށް އެރީ އޮކްޓޯބަރު 2001 ގައެވެ. މަޝްރަހު ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން 20 އަހަރެއްހާ ދުވަހު އަފްޣާނިސްތާންގައި އެމެރިކާ ސިފައިން ކުރި މަސައްކަތުން ބިނާ ކުރަނިވި އެއްވެސް ކަމެއް ކުރެވިފައި ނުވެ އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް އެކުލަވާލި ތާވަލާ އެއްގޮތަށް އެންމެ ފަހު ބައިގަނޑު ބަގްރާމް އެއާބޭސްއިން ވަނީ ފައިބާފަ އެވެ. ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ.

ގަތަރުގައި އެމެރިކާއިން ސެކިއުރިޓީ އޮފީހެއް ހުޅުވަނީ އަފްޣާނިސްތާނަށް އެހީތެރިވާން ކަމަށް ބުނެ އެވެ. ތާލިބާނުންނަ ދެކޮޅަށް އަފްޣާން ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށާއި އެ ގައުމުގެ ތަރައްގީއަށް އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރަން އެމެރިކާއިން އެހީތެރިވާނެ ކަމަށް ޖޯ ބައިޑަން ވަނީ ވިދާޅުވަ އެވެ.

އަފްޣާނިސްނުން އެމެރިކާ ސިފައިން ބާލާނެ ކަމަށް އެ ގައުމުން ބުނި ނަމަވެސް މިހާރު ވާހަކަތައް ހުރި ގޮތުން އެމެރިކާއިން ކޮންމެވެސް މަސައްކަތްތަކެއް އަފްޣާނިސްތާންގައި ކުރާނެ އެވެ. އެމެރިކާގެ ނުފޫޒު ކާބުލްގައި ދެމިއޮންނާނެ އެވެ. ގައުމުގެ ދިފާއުގައި ސަރުކާރަށް އެހީތެރިވާން ކަމަށް ބުނެ އަދި ސަރުކާރަށް ލަފާދޭން ކަމަށް ބުނެ އެމެރިކާގެ އަސްކަރީ އޮފިޝަލުން އަފްޣާނިސްތާންގައި ހަރަކާތްތެރިވާނެ އެވެ.