ސިރީޝާ ބަންޑްލާއަކީ އެއްފަޅި އެމެރިކާ އަނެއް ފަޅި އިންޑިއާ ޒުވާނެކެވެ. ވާޖިން ގްލެކްޓިކްސް ބިލިއަނަރު ބާނީ ރިޗަޑް ބްރެންސަން އާއެކު ޖައްވަށް ދަތުރުކުރާ ފަސް ފަޅުވެރިންގެ ތެރޭގައި ސިރީޝާ ހިމެނެ އެވެ.
މި ކުރޫންގެ ޓެސްޓް ފްލައިޓް ޖައްވަށް ފޮނުވާލަން ހަމަޖައްސާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ނިއު މެކްސިކޯ އިންނެވެ.
ސިރީޝާ\އަށް ޖައްވަށް ދެވޭ ގޮތް ވެއްޖެނަމަ އޭނާ ވާނީ ޖައްވަށް ދިޔަ އިންޑިއާއަށް އުފަން ދެ ވަނަ އަންހެނާ އަށެވެ. ކުރިން ޖައްވަށް ދިޔަ އިންޑިޔާ އުފަން މީހަކީ ކަލްޕަނާ ޗައުލާ އެވެ. ފުރަތަމަ ފަހަރަށް ޖައްވަށް ދިޔަ އިންޑިޔާ އަންހެނަކީ ކަލްޕަނާ އަށް ވިޔަސް ކަލްޕަނާގެ ކުރިން ރާކޭޝް ޝަރުމާ ކިޔާ އިންޑިޔާ ފިރިހެނަކު ޖައްވަށް ދިޔަ އެވެ. އަދި ކަލްޕަނާގެ ފަހުން ސުނީތާ ވިލިއަމްސް ކިޔާ އިންޑީޔާ ދަރިކޮޅު މީހަކު ވެސް ޖައްވަށް ދިޔަ އެވެ. ސިރީޝާގެ ނަން އޮތީ ޖައްވަށް ދިޔަ އިންޑިޔާ މީހުންގެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ.
ދަ އިކޮނޮމިކް ޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ސިރީޝާ އުފަންވީ އިންޑިޔާގެ އަންދުރަ ޕްރަދޭޝް ސްޓޭޓުގެ ގަންތޫރު ކިޔާ ސަރަހައްދެއްގައި އޮންނަ އަވަށެއްގަ އެވެ. ނަމަވެސް އޭނާ އުޅެ ބޮޑުވީ އެމެރިކާގެ ޓެކްސަސް އާއި ހިއުސްޓަން ގައެވެ. އަދި ކިޔަވައި ނިންމައިގެން ވާޖިން ގަލަކްޓިކް އާ ގުޅުނީ 2015 ގައެވެ. މިހާރު އޭނާއަކީ ކުންފުނީގެ ގަވަމަންޓް އެފެއާޒްގެ ވައިސް ޕްރެޒިޑެންޓެވެ.
ސިރީޝާ ވަނީ ޕާޑިއު ޔުނިވަސިޓީގައި އެރޮނޯޓިކަލް އިންޖިނިއަރިންގެ ރޮނގުން ކިޔަވައި ގްރެޖުއޭޓް ވެފަ އެވެ. އޭނާގެ އަތުގައި ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާޒް ޑިގްރީ އެއް ވެސް އޮވެ އެވެ.