ބޮލީވުޑް

އާމިރު ޚާނުގެ ޒަވާޖީ ހަޔާތް އޭނާގެ ފިލްމުތައް ހާ ޝައުގުވެރި

ބޮލީވުޑްގެ "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރު ވެފައިވާ އެކްޓަރު އާމިރު ޚާންގެ ފިލްމުތަކުގައި ވެސް އޭނާ ބޭނުން ވަނީ ހުރިހާ ކަމެއް ވީ އެންމެ ފުރިހަމައަކަށް ހުންނާށެވެ. ހަމަ އެގޮތަށް ޒަވާޖީ ހަޔާތުގައި ވެސް އޭނާ ބޭނުން ވަނީ އެގޮތް ކަމަށް ވެދާނެ އެވެ. ޔަގީންވާ ކަމަކީ ވަރަށް ލޯބިން ފުރާނަ ދޭވަރު ވެގެން ކައިވެނި ކުރާ އަންހެނުންނާއެކު ވެސް އޭނާއަށް އެންމެ ގިނައިން ވެސް ހޭދަ ކޮށްލެވިފައި ވަނީ 16 ވަރަކަށް އަހަރު ކަމެވެ.

އާމިރަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާގައި ދައްކާ މީހަކަށް ނުވިޔަސް އިންޑިޔާގެ ފިލްމީ މަޖައްލާތަކުން އޭނާގެ ލޯބީގެ ވާހަކަތައް ވަރަށް ގިނައިން ފެނެ އެވެ.

އާމިރުގެ ފުރަތަމަ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" ކުޅުނު ދުވަސްވަރު އާމިރު ލޯބީގެ ގޮތުން ގުޅުނީ އޭނާގެ އަވަށްޓެރިއަކާ އެވެ. އެއީ އޭނާގެ ފުރަތަމަ އަނބިމީހާ ރީނާ ދައްތާ އެވެ.

އާމިރު އާއި ރީނާގެ ލޯބީގެ ވާހަކައަކީ ވެސް ހަމަ ހިންދީ ފިލްމެއް ފަދަ ވާހަކަ އެކެވެ. ރީނާ އާއި އާމިރު ޒުވާން ފުރަޔަށް އެޅިއިރު ދިރި އުޅުނީ ވަރަށް ކައިރި ކައިރީގައި ހުރި ދެ ގޭގަ އެވެ. އެހާ ޅަ އުމުރުގައި ވެސް ދެ މީހުން އެކަކު އަނެކަކަށް ހިތް ދިނެވެ. ލޯބިވާ ވާހަކަ ނުބުނި ނަމަވެސް ދެ މީހުން ކުޑަދޮރުން އެކަކު އަނެކަކަށް ބަލަހައްޓައިގެން އެތައް ގަޑިއިރެއް އެ ދުވަސްވަރު އެމީހުން ހޭދަ ކުރި ކަމަށް ވެއެވެ.

ރީނާ ދެކެ ފުރަތަމަ ލޯބިވީ އާމިރެވެ. ރީނާ ދެކެ ލޯބިވާ ވާހަކަ އާމިރު ބުނުމުން ރީނާ އެ ލޯތްބަށް ފުރަގަސް ދީ އާމިރު އާ ގުޅެން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެހިސާބުން އަނެއްކާ ވެސް ހިންދީ ފިލްމުގެ މަންޒަރުތަކެއް ފެންނަން ފެށި އެވެ. ރީނާ ދާހާ ތާކަށް އާމިރު ފަހަތުން ގޮސް އޭނާއަށް އާދޭސް ކުރި އެވެ. އަދި އާމިރު އޭނާގެ ގައިގެ ލެއިން ރީނާ އަށް ލޯބީގެ ސިޓީ ހަމަ އެ ދުވަސްވަރު ލިޔުނެވެ. މިކަމާ ވެސް ރީނާ ހިތްހަމަޖެހުމުގެ ބަދަލުގައި އައީ ރުޅި އެވެ. ދެން ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރަން އޭނާ އާމިރަށް އެންގި އެވެ.

ރީނާ ފަހަތުން ދުވެ ދުވެ އެއްގޮތަކަށް ވެސް އޭނާ އެއްބަސް ނުވުމުން ރީނާ ލިބިދާނެ ކަމުގެ އުންމީދު އާމިރަށް ގެއްލި އޭނާ ފަހަތުން ހިނގުން ހުއްޓާލި އެވެ. އާމިރު ކައިރީގައި ރީނާ ލޯބިވާ ވާހަކަ ބުނީ އެގޮތަށް އާމިރު ކަންތައް ކުރުމުންނެވެ.

އާމިރު އާއި ރީނާ ކައިވެނި ކުރަން ނިންމި ހިސާބުން ދެން ފެށުނީ ދެ މީހުންގެ މައިންބަފައިންނާއި އާއިލާގެ މެދުގައި ބޮޑު ހަނގުރާމަ އެކެވެ. ސަބަބަކީ ރީނާ އަކީ ހިންދޫއަކަށް ވެފައި އާމިރަކީ މުސްލިމަކަށް ވާތީ ދެ މީހުންގެ ވެސް އާއިލާއިން އެ ކައިވެންޏާ ނުރުހުމެވެ. އެންމެ ފަހުން އާމިރު ކުރި ކަމަކީ ރީނާ ގޮވައިގެން ގެއިން ފިލީ އެވެ. އަދި އޭޕްރީލް 18، 1986 ގައި އެ ދެ މީހުން ކޯޓުގައި ކައިވެނި ކުރީ އެވެ. ރީނާ އާއި އާމިރު 16 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުނެވެ. މި ކައިވެންޏަށް އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް އެމީހުންނަށް ލިބުނެވެ. ޖުނައިދު އާއި އީރާ އެވެ.

އެންމެ ޅައިރުއްސުރެ ލޯބިވީ އަންހެންކުއްޖާ ލިބި އޭނާ އާ ކައިވެނިކޮށް އެ ކައިވެންޏަށް ދަރިން ލިބުމުން އާމިރުގެ ލޯބީގެ ކުޅިގަނޑަށް ނިމުމެއް ނައެވެ. އަބަދާ އަބަދު އޭނާ އާއި އެހެން ބައެއް ބަތަލާއިންގެ ލޯބީގެ ވާހަކަތައް ފިލްމީ މަޖައްލާ ތަކުގައި ލިޔެވެމުން ދިޔަ އެވެ. މީގެ ނޭދެވޭ އަސަރު ރީނާ އާއި އާމިރުގެ ކައިވެންޏަށް ވެސް ކުރަމުން ދިޔަ އެވެ. އެންމެ ފަހުން 2002 ގައ އާމިރު އާއި ރީނާ ވަނީ ވަރިވެފަ އެވެ. ދެ މީހުން ވަރިވީ ސުލްހައިގައި ވަރަށް އޮމާން ކޮށެވެ. ދަރިންނަށްޓަކައި ދެ މީހުން ގާތް އެކުވެރިންގެ ގޮތުގައި އަބަދަށް ދެމި ތިބުމުގެ ވައުދާ އެކުގަ އެވެ.

އާމިރު ކަންތައް ކުރީ ވެސް ހަމަ އެހެންނެވެ. ރީނާގެ 50 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް އާމިރު ފާހަގަ ކޮށްދިނުން މީގެ ހެއްކަކަށް ފުދެ އެވެ.

އާމިރުގެ ވަރަށް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ރީނާއަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު އިންސާނެކެވެ. ވަރީގެ ކަރުދާސްކޮޅަކުން ދެ މީހުންގެ ގުޅުން ކެނޑިފައި ވިޔަސް އެމީހުންގެ މެދުގައި އޮތް ގާތް އެކުވެރިކަމުގެ ގުޅުން ދުވަހަކު ވެސް ނުކެނޑޭނެ އެވެ.

ނަމަވެސް ރީނާ އާއި ވަކިވުން ހަގީގަތުގައި އާމިރުގެ ހަޔާތަށް ވަރަށް ހިތްދަތިކަމާއި އެކަނިވެރިކަން ގެނުވި އެވެ. ޚުދް އާމިރު އެކަމަށް އެއްބަސްވި އެވެ. އެ ދުވަސް އޭނާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ރީނާ އާއި އޭނާ ވަރިވުމަށްފަހު ފާއިތުވީ ދުވަސްތަކަކީ އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި އެންމެ ހިތާމަވެރި ދުވަސް ތަކެވެ.

އޭގެ އެތައް އަހަރެއް ފަހުން އާމިރު އާއި އިނގިރޭސި ވިލާތުގެ ނޫސްވެރިއެއް ކަމަށްވާ ޖެސިކާ ހައިންސް އާ އޮތް ލޯބީގެ ގުޅުމަކާ ބެހޭ ވާހަކަތަކެއް އިންޑިޔާގެ ފިލްމީ މަޖައްލާ ތަކުގައި ލިޔެފައި ވެއެވެ. އެއީ އާމިރު "ގުލާމް" ކުޅުނު ދުވަސްވަރެވެ. ސްޓާޑަސްޓް މަޖައްލާއިން އެ ދުވަސްވަރު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އާމިރުގެ ދަރިއެއް ވެސް ޖެސިކާ ވިހާފައި ވެއެވެ. އެ ކުއްޖާއަށް ކިޔަނީ ޖާން އެވެ. އާމިރު ރުޅިވުމުން ޖެސިކާ އެނބުރި ލަންޑަނަށް ގޮސް އެ ކުއްޖާ ބަލައި ބޮޑުކުރީ އެކަނި ކަމަށް ވެއެވެ.

އާމިރުގެ "ލަގާން" ގެ އެއް ޕްރޮޑިއުސަރަކީ އޭނާގެ ފުރަތަމަ އަނބިމީހާ ރީނާ އެވެ. ދެ ވަނަ އަނބިމީހާ ކިރަން ރާއޯ އާ އާމިރު އާ ފުރަތަމަ ބައްދަލުވީ "ލަގާން" ގެ ސެޓުންނެވެ. ކިރަން އޭރު މަސައްކަތްކުރީ "ލަގާން" ގެ ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ އެސިސްޓެންޓް ޑައިރެކްޓަރަކަށެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އާމިރު ވަރަށް ގަޔާވާ ސިފަ ތަކެއް ކިރަން ގެ ގައިގައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އަދި ދެމީހުން އެކުވެރިންގެ ގޮތުގައި ގިނަ ދުވަސްތަކަކު އުޅުމަށްފަހު 2004 ގައި ލޯބީގެ ގޮތުން ގުޅުނެވެ. އަދި އެއް ގެއެއްގައި އަހަރެއްހާ ދުވަހު އުޅުމަށްފަހު ކައިވެނި ކުރީ ޑިސެމްބަރު 25، 2008 ގައެވެ. އަދި ސަރަގޭޓް މަދާއެއްގެ ފުށުން މި ދެ މީހުންނަށް ފިރިހެން ދަރިއަކު ލިބިފައި ވެއެވެ.

ގިނަ ބަޔަކު ހީކުރީ ކިރަން އާއެކު އާމިރު ދިރިއުޅެމުންދިޔައީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް މިމަހުގެ ތިންވަނަ ދުވަހު ކުއްލިއަކަށް އެ ދެ މީހުން ވަރިވާކަމަށް މީޑިއާތަކަށް ދިން ބަޔާނާއެކު އެމީހުންގެ ޒަވާޖީ ހަޔާތް ވެސް އެހާ އުފާވެރި ނޫންކަން ވަނީ ޔަގީން ވެފަ އެވެ.

ކިރަން އާއި އާމިރު ވަރިވިޔަސް ރީނާ އާ އޮތް ކަހަލަ އެކުވެރިކަމުގެ ގުޅުމެއް އޭނާއާ ވެސް ބާއްވާނެ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.