އަލިފާން

ގަލްފު އޮފް މެކްސިކޯގެ އަލިފާން ނިއްވާލައިފި

ގަލްފް އޮފް މެކްސިގޯގައި މި ދިޔަ ހުރުކުރު ދުވަހު ރޯވި ބޮޑު އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް ތެޔޮ ކުންފުނި ޕެމެކްސްއިން ބުނެފި އެވެ.

މި މަހު ދެވަނަ ދުވަހުގެ ރޭ ފަތިހު ރޯވި އެ އަލިފާންގަނޑު ނިއްވާލީ އެ ދުވަހު ހެނދުނު 10:45 ގަ ކަމަށް ޕެމެކްސް އިން އިއްޔެ ބުނެފައި ވެއެވެ.

މި އަލިފާން ރޯވީ މެކްސިކޯގެ ޔުކަޓަން ޕެނިންސިއުލާ ބޭރުން ކަނޑުގަ އެވެ. އަދި މި އަލިފާންގަނޑު ރޯވި ހިސާބުގައި ޕެމެކްސްގެ ތެޔޮ ނަގާ ރިގެއް ވެސް އޮތެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އެ ރިގުގައި ތިބިމީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބަށް ގެންދަން ވެސް ޖެހިފައެއް ނުވާއިރު ރިގަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މި އަލިފާނުގެ ހާދިސާގެ ވީޑިއޯތައް މީސްމީޑިއާގައި ހަލުވި ސްޕީޑެއްގައި ފެތުރުނު

އަލިފާނުގެ މި ހާދިސާ ދިމާވީ ކަނޑު އަޑިގައި އޮތް ގޭސްް ޕައިޕްލައިން އެއް ލީކްވެގެން ކަމަށ ޕެމެކްސްއިން ބުންޏެވެ. އަދި މިހާރު ދަނީ މި ޕައިޕްލައިން ލީކްވާން ދިމާވި ސަބަބު ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

އިތުރަށް ބުނެފައި ވަނީ އެއްވެސް ތެލެއް ކަނޑަށް ލީކު ވެފައި ނުވާ ކަމަށެވެ. އެކަމަކު ފެނުގެ މަތީގައި ރޯވީ ކޯންޗެއްގައި ކަމެއް ބުނެފައެއް ނުވެއެވެ. ޕެމެކްސް އަކީ މީގެ ކުރިންވެސް މިފަދަ ހާދިސާތަކާ ގުޅިގެން ގިނަ މައްސަލަތަކެއް ޖެހިފައިވާ ކުންފުންޔެކެވެ.