ޗައިނާގެ ކާރުހާނާއެއްގައި އަލިފާން ރޯވެ 38 މީހަކު މަރުވެއްޖެ އެވެ.
ޗައިނާގެ ހެނާން ޕްރޮވިންސުގެ އާންޔާންގް ސިޓީގައި ހިނގި މިހާދިސާގައި އަލިފާން ރޯވީ ވެލްޑިންގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށް އެ ސިޓީގެ ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.
މިހާދިސާގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާތީ އެތައް ބަޔަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ވެސް ދެމުންނެވެ.
އަމިއްލަ ކުންފުންޏަކުން ހިންގަމުން ދިޔަ ކަރުހާނާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ޗައިނާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އަލިފާން ނިއްވުމުގެ ތަމްރީން ހަދާފައިވާ 60 މީހުންނާއި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ 200 މީހުންގެ މަސައްކަތުން ކާރުހާނާގައި ރޯވި އަލިފާން ނިއްވާލެވުނީ ހަތް ގަޑިއިރުގެ މަސައްކަތުންނެވެ.
ޗައިނާގެ އިރުއުތުރު ސިޓީއެއް ކަމުގައިވާ ޝެންޔާންގްގައި ހުރި ރެސްޓޯރެންޓެއްގައި މިދިޔަ މަހުގެ ތެރޭގައި ބާރުގަދަ ގޮވުމެއް ގޮވައި ތިން މީހަކު މަރުވެ 30 މީހަކު ޒަހަމުވުމުގެ ހާދިސާއެއް ވެސް ހިނގާފައިވެ އެވެ.