އިރާނުގެ ރައީސް އާޔަތުﷲ އިބްރާހިމް ރައީސީ ޗައިނާ އަށް ވަޑައގެންފި އެވެ.
ރައީސީ ޗައިނާ އަށް ވަޑައިގެންފައި މިވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިން ދެއްވި ރަސްމީ ދައުވަތަކާއި ގުޅިގެން އިއްޔެގެ ވަގުތެއްގަ އެވެ.
ރައީސް އިބްރާހީމް ރައީސީ އަށް ޗައިނާ އިން ރަތް ދޫލައިގެ މަރުހަބާއެއް ވަނީ ކިޔާފަ އެވެ.
އިރާނުގެ ރައީސް ރައީސީ އާއިއެކު އިރާނުގެ ބިޔަ ވަފްދެއް ޗައިނާ އަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. މީގެތެރޭގައި ވިޔަފާރިއާއި އިގްތިސޯދާއި ނިއުކްލިއާ މާހިރުންނާއި އަދި މާލީ އިސްފަރާތްތައް ހިމެނެ އެވެ.
އިރާނުގެ ރައިސްގެ ދަތުރުފުޅުގައި ދަނޑުވެރިކަމާއި ޓޫރިޒަމާއި ވިޔަފާރިއާއި ތިމާވެއްޓާއި ސިއްހަތާއި ގުދުރަތީ ކާރިސާގެ އެހީތެރިކަމާއި ސަގާފީ އަދި ކުޅިވަރުގެ އެއްބަސްވުން ތަކުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ.
ޗައިނާގެ ރައީސް ވިދާޅުވެފައިވަނީ އިރާނުގެ ނިއުކްލިއާ މައްސަލާގައި މަޝްވަރާކުރުމުގައި ބިނާކުރަނިވި ގޮތެއްގައި އިރާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.
ރައީސީ ވިދާޅުވެފައިވަނީ ބެލްޓް-ރޯޑް އިނިޝިއެޓިވް ތަންފީޒުކުރަން އިރާނުން ތައްޔާރަށް އޮތް ކަމަށް ރައީސް ޝީ އަށް ދަންނަވާފަ އެވެ.
ހުޅަނގުގެ ބާރުތައް އޮބަހެއްޓުމަށް ޗައިނާ އާއި އިރާން އާއި ރަޝިއާގެ ގާތް ގުޅުމެއް އުފެއްދުމަށް އިރާނުން މަސައްކަތްކުރަމުންދާއިރު ޗައިނާއިން ވަނީ އިރާނަށް ތާއީދު ކުރާކަމަށް މިދަތުރުފުޅުތެރޭގައި ހާމަކޮށްފަ އެވެ.
"ޗައިނާ އިން އިރާނުގެ ސިޔާދަތު ހިމާޔަތްކުރުމަށް އަބަދުވެސް ތާއީދު ކުރާނެ. އަދި ބައެއްގެ ބާރު ނުހަމަ ގޮތުގައި ބޭނުންކޮށް ބުލީ ކުރާނަމަ އެކަމަކާ އަބަދުވެސް ދެކޮޅުހަދާނެ،" ޗައިނާ ރައީސް ޝީ ގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ޗައިނާ އިން މިހެން ބުނެފައި މިވަނީ މިދިޔަ 20 އަހަރުތެރޭގައި އިރާނުގެ ރައީސަކު އިގްތިސޯދީ ބިޔަ ބާރު ކަމުގައިވާ ޗައިނާ އަށް ކުރަމުންދާ ރައީސް އިބްރާހިމް ރައީސީ ގެ ފުރަތަމަ ދަތުރުފުޅާއެކު އެވެ.
ދުނިޔޭގައި މިވަގުތު ކަންކަން ހިނގަމުން އަންނަ ގޮތް ލަފާކުރަން ދަތިވެފައިވާއިރު ޗައިނާ ގެ ރައީސް ޝީ ވިދާޅުވެފައިވަނީ އިރާނުގެ ނިއްކްލިއާ މައްސަލައިގައި ސާފު ކޮންމެވެސް އެއްގޮތެއް ނިންމަންޖެހޭ ކަމަށާއި ޗައިނާ އިން އިރާނާއި އެކު ބަދިހިކޮށް އޮންނާނެކަމަށެވެ.
2015 ގެ ތެރޭގައި ދުނިޔޭގެ ބާރު ތަކާއިއެކު އިރާނުން ގާއިމްކޮށްފައިވާ ނިއުކްލިއާ ޑީލް ގައިވަނީ އިރާނުން ޔުރޭނިއަމް މުއްސަނދިކުރަމުން އަންނަވަރު މަދުކުރުމަށް އެއްބަސްވެފަ އެވެ. އެއިގެ ސަބަބުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އިރާނަށް ހުރަސް އެޅިގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް މި އެއްބަސްވުމުގައިވެ އެވެ.
ނަމަވެސް 2018 ގައި އެމެރިކާ އިން ވަނީ އިރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާނުލައި ކަމުގެ ތުހުމަތު ކުރަމުން މި އެއްބަސްވުމުން ނިކުމެފަ އެވެ.
ޗައިނާ އިން އެމެރިކާ ގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. އަދި މި އެއްބަސްވުން އަލުން ފެށުމަށް އެމެރިކާ އިން އިސްނަގަންޖެހޭކަމަށް ދަނީ ބުނަމުންނެވެ.
ރައިސް ރައީސީ ގެ މިދަތުރުފުޅު ޗައިނާއަށް ކުރައްވާފައިމިވަނީ ޗައިނާ އާއި އިރާނުން ރަޝިއާ އާއި ދެމެދު ދެގައުމުންވެސް ގުޅުން ވަރުގަދަ ކުރަމުންދާ ވަގުތެއްގަ އެވެ. މި ދެގައުމުން ވެސް އެމެރިކާ އާއި ބައިވެރިން ދުނިޔޭގައި ގެންގުޅެމުން އަންނަ އަމުރުމައުރޫފާއި މެދު ދެކޮޅު ކަމަށްވެސް އަންނަނީ ބުނަމުންނެވެ.
މިދިޔަ ސެޕްޓެމްބަރު ގައި ވޮޝިންޓަނުން ވަނީ އިރާނުގެ ތެޔޮ ބޭރުކުރާ ކުންފުނިތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އެއިގެ ތެރޭގައި ޗައިނާގައި ގާއިމްވެފައިވާ އިރާނުގެ ފަސް ކުންފުނި ހިމެނެ އެވެ. އެމެރިކާ އިން ބުނަމުން އަންނަނީ އިރާނުން ނިއުކްލިއާ ހަރަކާތްތައް ކުރިއަށް ގެންދާނަމަ އިރާނުގެ ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓް ތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ.
އިރާނު ރައީސް ވިދާޅުވެފައިވަނީ ޗައިނާ އަކީ ދަތިވަގުތުތަކުގައި އަބަދުވެސް އިރާނު ގެ ގާތް ރަހުމަތް ތެރިއެއްކަމަށް ވިދާޅުވެފަ އެވެ. އިރާނުން ވަނީ މިދިޔަ އަހަރު 25 އަހަރުގެ އެއްބާރުލުމުގެ އެއްބަސްވުމެއްގައި ޗައިނާއާއި އެކު ގާއިމްކޮށް ތަންފީޒު ކުރަން ފަށާފަ އެވެ. މި އެއްބަސްވުން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ޗައިނާ ގެ ރައީސް ޝީ 2016 ގައި އިރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ.
އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އިރާނަށް އަޅާފައިވާ އިރު ޗައިނާ އިން އިރާނުގެ ތެލާއި އެހެނިހެން މުދާ ގަތުމުގައި އެއީ އިރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އެވެ. އެގޮތުން އަހަރަކު 26 ބިލިއަން ޑޮލަރަށްވުރެ ގިނަ ވިޔަފާރި އިރާންގައި ޗައިނާ އިން ކުރެ އެވެ.
ހުޅަނގުގެ ގައުމުތަކުން އިރާނާއި ޗައިނާ އިން ޔޫކްރޭން-ރަޝިއާ ހަނގުރާމައިގައި ގެންގުޅޭ ސިޔާސަތުތަކާއި ހެދިވެސް އިތުރު ޕްރެޝަރުތައް ދެގައުމަށް ދަނީ ކުރިމަތިވަމުންނެވެ. ހުޅަނގުގެ ގައުމު ތަކުން ތުހުމަތު ކުރާގޮތުގައި ރަޝިއާ އަށް ހަތިޔާރު ގާއިމްކުރި ޑްރޯން ފޯރުކޮށްދެނީ އިރާނުން ނެވެ.
ރައީސް ރައީސީ އާއި ރައީސް ޝީ އެންމެ ފުރަތަމަ ބައްދަލުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު ގައި ބޭއްވި ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓު ތެރެއިން އުޒްބެކިސްތާނު ގައެވެ. މި ޖަމާއަތުގެ ފުލް މެންބަރަކަށް ވުމަށް ޗައިނާ އިންވަނީ އިރާނަށް ތާއީދު ކޮށްފައެވެ.
މިދަތުރުފުޅުގައި ޗައިނާއިން ދާދި ދެންމެއަކުވަނީ ރައީސް އިބްރާހީމް ރައީސީ އަށް ޕީކިން ޔުނިވަސިޓީ ގެ "ޕްރޮފެސާ އޮފް ޕީކިން ޔުނިވާސިޓީ" ގެ ޝަރަފް އަރުވާފަ އެވެ.