ފުލުހުން އިސް ބައެއް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.
އެގޮތުން މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ފުލުހުންގެ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ އެންމެ އިސް މަގާމުތަކަށެވެ.
ފުލުހުންގެ އިސް މަގާމުތަކަށް ގެނެވުނު ބަދަލުތަކާ އެކު ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓްގެ މަގާމަށް ހަމަޖައްސާފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް އިސްމާއީލް ނަވީން އެވެ. އޭނާ މިހާތަނަށް ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ މަގާމުގަ އެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް ބަދަލުކޮށްފަ އެވެ.
މީގެއިތުރުން ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑަކަށް ހަމަޖައްސާފައިވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާން އެވެ. އޭނާ މިހާތަނަށް ހުންނެވީ ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.
މިބަދަލުތަކާއި ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ މި ބަދަލުތަކަކީ އާންމު އުސޫލުން ފުލުހުންގެ އިދާރީ ހިންގުމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލުތަކެއް ކަމަށެވެ.