ތަހުގީގު މަރުހަލާގައި ރާއްޖެ ނައީ ބަޔަކު ބިރު ދައްކާތީ ކަމަށް ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ހައިކޯޓުގައި ބުނެފި އެވެ.
އަންމަޓީ މިހެން ބުނީ ޖަލު ބަންދުގައި ހުއްޓާ އޭނާ މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަމުންނެވެ.
ޝަރީއަތުގައި އަންމަޓީގެ ފަރާތުން ވާހަކަދައްކަވަމުން ދިފާއީ ވަކީލް އަދި ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ ސީލައިފާއި އެޗްޑީސީއާއި ދެމެދު ހަދާފައިވާ އެއްބަސްވުން އެޗްޑީސީން އުވާލުމާ ގުޅިގެން ހައުސިން ޔުނިޓްތައް އެޅިފައި ނުވާ ކަމަށެވެ. އެ މައްސަލައިގައި ފައިސާ ނަގާފައިވާ އާންމުންގެ މީހުން ސީލައިފް އޮފީސް ތަޅާލައި އޭނާ އާއި އެކުންފުނީގެ ގާނޫނީ ވަކީލް ހަސަން ފަލާހަށް ފަރުދީ ގޮތުން ބިރުދައްކާފައިވާ ކަމަށެވެ. އަންމަޓީ ލަންކާ އަށް ދިޔައީ ފައިސާ ނަގާފައިވާ ފަރާތްތަކުގެ ނުރައްކާ އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އެ މައްސަލަ ސިޓީއަކުން ފުލުހަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމަށެވެ.
މުހުތާޒް ވިދާޅުވީ އަންމަޓީގެ ތަހުގީގު ފެށިއިރުވެސް އޭނާ ހުރީ ލަންކާގައި ކަމަށެވެ. އެހެންކަމުން އޭނާ ތަހުގީގަށް ފިލާފައި ނުވާ ކަމަށާއި ދެންވެސް ނުފިލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ލަންކާގައި ހުރިއިރު ތަހުގީގަށް ބަރާބަރަށް އެއްބާރުލުން ދީފައިވާ ކަން ވެސް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަންމަޓީ ރާއްޖެ އައިސްފައި ވަނީ ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާތީ އޭނާ އަމިއްލައަށް ކަމަށް ވެސް ވިދާޅުވި އެވެ.
މިކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އިބްރާހިމް ނާސިހް ވިދާޅުވެފައި ވަނީ އަންމަޓީ ރާއްޖެ އައިސްފައި ވަނީ އޭނާގެ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައި ވާތީ މަޖުބޫރުވެގެން ކަމަށެވެ. އޭނާ ލަންކާއިން ޑީޕޯޓްކޮށްލީ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ފިލައިފާނެކަމުގެ އިހުތިމާލް އޮތް ކަމަށާއި މާޒީގައި ހިނގާފައިވާ ހާދިސާތަކުން އެކަން ހާމަވާން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
ނާސިހު އިތުރަށް ވިދާޅުވީ އަންމަޓީގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ސީލައިފްގެ ކުރީގެ މުވައްޒަފުންނާއި ގެއްލުން ލިބުނު މީހުން ހެކިންގެ ތެރޭ ހިމެނޭއިރު އެމީހުންނަށް އަންމަޓީ ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އިންޓަޕޯލް ރެޑްނޯޓިސްގައި ވެސް އެކަން ފާހަގަކުރި ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އަންމަޓީ ހެއްކަށް ނުފޫޒު ފޯރުވައި ޝަރީއަތަށް ފިލައިފާނެތީ އާއި ކޯޓަށް ހާޒިރު ނުވެދާނެތީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
ދެފަރާތުން ވާހަކަދެއްކުމަށް ފަހު ފުރުސަތު މިއަދު ވަނީ ދީފަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލީހެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ދައުލަތުން އަންމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ދައުވާތައް އަންމަޓީގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.