ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެޕޮއިންޓްމަންޓް ނުދެނީސް ދެވަނަ ޑޯޒް ޖަހައިނުދޭނެ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހިތިބި މީހުންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު ވެކްސިން ޖަހައިދޭނީ އެޕޮއިންޓްމެންޓް އުސޫލުން ކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދީފި އެވެ.

އެޗްޕީއޭއިން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން މިއަދު ފަށާނެ ކަމަށެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށްވެސް ބުންޏެވެ.

އެ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން ޖުލައި 4، 2021 ގައި ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ގުޅަމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެ ޕޮއިންޓްމަންޓް ލިބޭ ހުުރިހާ މީހުންވެސް ކަނޑައަޅާފައިވާ ސެންޓަރުތަކަށް ގަޑިއަށް ދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދެވަނަ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްޕީއޭގެ އިއުލާނާ އެއްގޮތަށް މިއަދު ވަނީ ވެކްސިން ޖަހަން ފަށާފައެވެ. ނަމަވެސް އެޕޮއިންޓްމަންޓް ނުލިބެނީސް އެތައް ބަޔަކު ވަނީ ސެންޓަރުތަކަށް ވެކްސިން ޖަހަން ގޮސްފައެވެ.

އެ ސެންޓަރުން މިއަދު ބުނީ ކޮވިޝީލްޑްގެ ޖަހައިދޭނީ ދެވަނަ ޑޯޒް ކަމަށާ އަދި ދެވަނަ ޑޯޒް ދޭނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އެހެންވީމަ އެޕޮއިންޓްމަންޓް ނުލިބޭ މީހުންނަށް ވެކްސިން ޖަހައެއް ނުދޭނެ އެވެ.

ކޮވިޝީލްޑް ވެކްސިން ޕްރަގްރާމް މެދުކެނޑިފައި އޮތުމަށް ފަހު އަލުން މިއަދު ފެށީ ކޮވިޝީލްޑް އާ ސްޓޮކެއް ލިބުމުންނެވެ. އެއީ އަމިއްލަ ފަރާތްތަކުން ހަދިޔާ ކުރި ވެކްސިން ސްޓޮކެކެވެ. ނަމަވެސް ހަދިޔާކޮށްފައިވަނީ ކިހާ ވެކްސިނެއް ކަމެއް ނުބުނެއެވެ.

ހެލްތް މިނިސްޓްރީން ރޭ ބުނީ މިއަދު ފެށި ޕްރަގްރާމް ދެން މެދުނުކެނޑޭނެ ކަމަށާ އިތުރު ވެކްސިން ވަރަށް އަވަހަށް ލިބި އެންމެނަށް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށެވެ.