ވިޔަފާރި

އަމިއްލަ ފުށީގެ "ފިނޮޅު" އަންނަ އަހަރު ހުޅުވަން ތައްޔާރުވެއްޖެ

Nov 17, 2015

މަޝްހޫރު ލަގްޒަރީ ރިސޯޓު އަމިއްލަ ފުށީގެ ދަށުން ހިންގާ "ފިނޮޅު" ރިސޯޓު އަންނަ އަހަރު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅުގައި އަމިއްލަ ރިސޯޓު ކައިރީގައި ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓަކީ ވެސް ތަފާތު ރިސޯޓަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްގައިވާ ގޮތުން އަމިއްލަ ފުށި ރިސޯޓުން 30 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި ހިމެނެ އެވެ. މި ރިސޯޓުގައި ވެސް ހާއްސަ ކެއުންތައް ހިމެނެ އެވެ. މި ރިސޯޓު ވެސް ހިންގަނީ އަމިއްލަ ފުށީ ރިސޯޓު ހިންގަމުން ގެންދާ ކޯސްޓް ލައިން ހިއްސާ އޮންނަ ދަ ސްމޯލް މޯލްޑިވްސް ކުންފުނިންނެވެ.

ފިނޮޅު ރިސޯޓަކީ ބ. އަތޮޅުގެ ބަޔޮސްފެއާ ރިޒާވް ކައިރީގައި އޮންނަ 71 ކޮޓަރީގެ ހިތްގައިމު ރިސޯޓެކެވެ. މި ރިސޯޓުގައި 1200 މީޓަރުގެ ސްވިމިން ޕޫލަކާއި 15 ކޮޓަރީގެ ސްޕާއެއް ހުރެ އެވެ.