ރައްޔިތުންގެ މަޖިލިސް

ނިޔާޒީއަށް ކޮމެޓީން ރުހުން ދީފި

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފަ، ހުސައިން ނިޔާޒީ އައްޔަނުކުރަން ފެންނަ ކަމަށް އެ މައްސަލަ ދީރާސާ ކުރި މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ނިޔާޒީގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވީ މިދިޔަ ޖޫން 30 ގައެވެ. އެ މައްސަލަ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވުމުން މައްސަލަ ދިރާސާކުރުމަށް އެ ކޮމެޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ނިޔާޒީ އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފައެވެ. ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ގޮތް ނިންމާނީ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ.

އޮޑިޓް އޮފީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް މިވަގުތު އެންމެ އިސްކޮށް ހުންނެވީ ނިޔާޒީ އެވެ.

ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާއަކީ ރާއްޖޭގައި ތިއްބެވި އެންމެ ސީނިއާ ޗާޓާޑް އެކައުންޓެންޓުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މެއި 12 ވަނަ ދުވަހު އެވެ.