ބޮލީވުޑް

އާލިއާ ޕްރޮޑިއުސްކުރާ ފިލްމެއް ކުޅެން ޝާހް ބޭނުން

އާލިއާ ބަޓް ޕްރޮޑިއުސަރެއްގެ ގޮތުގައި އުފައްދާ އަދި އޭނާ ބަތަލާގެ ބައި ކުޅޭ "ޑާލިންގްސް" ގެ ފުރަތަމަ ޝެޑިއުލް ފެށުމާއެކު އޭނާއަށް އެންމެ ފުރަތަމަ ތަހުނިޔާ ކިޔާފައި ވަނީ ޝާހް ރުކް ޚާނެވެ. ޖަސްމީތު ކޭ.ރީން ޑައިރެކްޓްކުރާ މި ފިލްމު ކޯ-ޕްރޮޑިއުސް ކުރަނީ ޝާހް ރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުންނެވެ.

"ތި ފިލްމު ނިންމާފައި ދެން އުފައްދާ ފިލްމެއް ކުޅެން އަހަރެން ލައްވާ ސޮއި ކުރުވައްޗޭ. އަހަރެން ޝޫޓިން އަށް ގަޑި ނުޖެހި އަންނާން. އަދި ވަރަށް ޕްރޮފެޝަނަލް ވާނަން،" ފިލްމުގެ ޝޫޓިންގަށް އާލިއާ ތައްޔާރުވަނިކޮށް ނަގާފައިވާ ފޮޓޮއަކާއެކު ޝާހް ރުކް ޝެއާ ކުރި ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ފަށާކަން ޚުދް އާލިއާ ވެސް ވަނީ އިއުލާންކޮށްފަ އެވެ. އާލިއާ ބުނި ގޮތުގައި އާ ފިލްމެއް ފަށާއިރު އަދިވެސް އޭނާ ހިތްބިރުގަނެ އެވެ. އަދި ފިލްމު ފަށަން އޮންނަ ދުވަހުގެ ކުރީ ރޭ ރަނގަޅަކަށް އޭނާއަކަށް ނުވެސް ނިދެ އެވެ. ހުވަފެނުން ވެސް ފެންނަނީ ފިލްމުގެ ޑައިލޮގްތައް އޮޅިގެން މައްސަލަތައް ޖެހިގެން އުޅޭތަން ކަމަށް އާލިއާ ލިޔެފައި ވެއެވެ.
"ގަޑި ޖެހިދާނެތީ ގަނެފައިވާ ބިރުން ފަނަރަ މިނެޓް ކުރިން ސެޓަށް އަތުވެއްޖައިން. އަހަންނަށް ހީވަނީ ކިތަންމެ ފިލްމެއް ކުޅުނަސް މި ނުތަނަވަސްކަން ހިތަކުން ނުދާނެ ހެން. އަމިއްލަ ނަފްސަށް ޔަގީންކަން ނޯތުމަކީ ފަރުވާ ބަހައްޓައިގެން ކަންކަން ކުރެވެން މެދުވެރިވާ ސަބަބެއް ކަމަށް ހީވޭ، އާލިއާ ބުނެފައި ވެއެވެ.

"ޑާލިންގްސް"ގައި އާލިއާގެ އިތުރުން ވިޖޭ ވަރުމާ އާއި ޝިފާލީ ޝާހް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.

"ޑާލިންގްސް"ގައި ކިޔައިދެނީ މަންމަ އަކާއި ދަރިއެއްގެ އޮންނަ މުރަނަ ގުޅުމެކެވެ. މި ދެ މައިންނަށް ހަޔާތުގައި ކުރިމަތިވާ ތަފާތު ކަންތައް ތަކެވެ. ޝިފާލީ މި ފިލްމުގައި ކުޅެނީ އާލިއާގެ ކެރެކްޓާގެ މަންމަގެ ބައެވެ.