ބޮލީވުޑް

އާލިއާ ޕްރޮޑީއުސަރަކަށް. ފުރަތަމަ ފިލްމަކީ "ޑާލިންގްސް"

މިހާރު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދައިފި އެވެ. "އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" ގެ ނަމުގައި އޭނާ އުފެއްދި މި ކުންފުނީގެ ނަމާއި ލޯގޯ އާލިއާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ދައްކާލާފަ އެވެ. އަދި މިކަން ރަސްމީކޮށް އިއުލާނު ކުރުމުގެ ގޮތުން ޚާއްސަ އެނައުންސްމަންޓެއް ވެސް އާލިއާ ވަނީ އިއްޔެ ޝެއާ ކޮށްފަ އެވެ.

"އަހަރެންގެ އަމިއްލަ ޕްރޮޑަކްޝަން! އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް އުފަލާއެކު އިއުލާން ކުރަން. މި ކުންފުނިން އުފައްދާ ފިލްމުތަކުން ވަރަށް ރީތި އުފާވެރި ވާހަކަތަކެއް ފިލްމުތަކެއްގެ ސިފައިގައި ގެނެސް ދޭނަން،" އާލިއާގެ މެސެޖުގައި ވެއެވެ.

އާލިއާގެ ކުންފުނިން އުފައްދާ ފުރަތަމަ ފިލްމު ވެސް އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. ޝާހްރުކް ޚާންގެ ރެޑް ޗިލީޒް ފިލްމު ކުންފުންޏާ ގުޅިގެން އާލިއާގެ ކުންފުނިން ޕްރޮޑިއުސްކުރާ މި ފިލްމަށް ކިޔަނީ "ޑާލިންގްސް" އެވެ.

"ޑާލިންގްސް" ގެ ތަރިންނަކީ އާލިއާ އާއި އޭނާގެ "ގަލީ ބޯއި" ކޯސްޓާ ވިޖޭ ވަރުމާ، ޝިފާލީ ޝާހް އަދި ރޯޝަން މެތިއު އެވެ.

މިއީ މަންމަ އަކާއި ދަރިއެއްގެ ހަޔާތުގައި ހިނގާ މަޖާ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ.

"އަންހެނުންނާ ފޮށުމަކީ ސިއްހަތަށް ނުރައްކާ ކަމެއް،" މިއީ "ޑާލިންގްސް" އާއެކު ނެރެފައިވާ އިންޒާރުގެ ނޯޓިސްގައިވާ ޖުމްލަ އެވެ. ވީމާ މި ޑާކް-ކޮމެޑީ ފިލްމު ވާނީ އަންހެނުންނާ ފޮށޭ މީހުންނަށް ވަރުގަދަ ފިލާވަޅުތަކެއް ލިބޭ ފިލްމަކަށް ކަމަށް ބެލެވެ އެވެ.

"ޑާލިންގްސް" ޑައިރެކްޓްކުރަނީ ޖަސްމީތު ކޭ.ރީން އެވެ. މިއީ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ކުރާ ފުރަތަމަ މަސައްކަތެވެ.