ވިޔަފާރި

ހަންގޭރީން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލް އަކަށް ޖަނާ

Jul 5, 2021

ޔޫރަޕިން ޔޫނިއަންގައި އިސް ދައުރެއް އަދާކުރާ، ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަގާމަށް ހ. ސީސައިޑް، މުހައްމަދު އަލީ ޖަނާހު އައްޔަން ކޮށްފި އެވެ.

މި މަގާމަކީ ހަންގޭރީ ސަރުކާރުން ދޭ މަގާމެކެވެ. މި މަގާމުގެ ފަތްކޮޅު ދިވެހި ސަރުކާރަށް އަރުވަން ފޮރިން މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ހަންގޭރީގެ އޮނަރަރީ ކޮންސުލްގެ މަގާމަށް އައްޔަން ކުރެއްވި ޖަނާހު އަކީ މެދުއިރުމައްޗާއި ރާއްޖޭގައި ޓޫރިޒަމް ވިޔަފާރި ކުރާ ވިޔަފާރިވެރިއެކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ ރައީސްގެ އިތުރުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި ގިނަ ޖަމިއްޔާ ތަކެއް ގުޅިގެން އުފައްދާފައިވާ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ)ގެ ރައީސް އެވެ.

އިންޑޮނޭޝިއާ އިން ރާއްޖެއަށް ކަނޑައެޅި ކޮންސުލްގެ މަގާމަށް އައްޔަންކޮށްފައިވާ ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) މިއަދު ވަނީ މަގާމުގެ ލިޔުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކުރައްވާފަ އެވެ.