ވިޔަފާރި

ޖަޕާނުން ރާއްޖެ އަށް 47.5 މިލިއަން ޑޮލަރުގެ ލުއި ލޯނެއް

Sep 28, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީވާން ފަސް ބިލިއަން ޔެން (ގާތްގަނޑަކަށް 47.5 މިލިއަން ޑޮލަރު) ގެ ލުއި ލޯނެއް ދޭން "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެ ގައުއުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރާ ލިޔުމެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޗޭންޖް އޮފް ނޯޓްސް ގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއި ކުރުމާ ގުޅިގެން މި ލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މި މަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރާނެ އެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ ފަސް ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 732.4 މިލިއަން ދިވެހި ރުފިޔާ) ގެ މި ލޯނަކީ ކޮންސެޝަނަލް ލޯން އެހީ އެވެ. މިއީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް 0.01 ޕަސެންޓުގެ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯނެކެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ލޯނަކީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީހުގައި އެ ގައުމުން ފޯރުކޮށްދޭ އެންމެ ބޮޑު ލޯން އެހީ އެއް ކަމަށެވެ. އަދި ޖަޕާނުން ފޯރުކޮށްދޭ ލޯން އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ.

ޖަޕާން ލޯނުގެ ހާއްސަ ސިފަތައް

  • ޖުމްލަ އަދަދު 5 ބިލިއަން ޔެން (47.5 މިލިއަން ޑޮލަރު)
  • ލޯނު ދައްކަން 15 އަހަރު ލިބޭނެ
  • ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް
  • އިންޓްރެސްޓް ރޭޓްއަކީ 0.01 ޕަސެންޓް
  • މި މަހުގެ 30 ގައި ރަސްމީ ލިއުމުގައި ސޮއިކުރާނެ

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ދީފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓް އަށް 185،000 ޑޮލަރުގެ ހިލޭ އެހީ އެއްވެސް ދިނެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވެފައިވާތީ ސަރުކާރުން ދަނީ ލޯނު ނަގައިގެން ބަޖެޓް ފޫބައްދަމުންނެވެ. ދާދިފަހުން އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވެސް ވަނީ 3.5 އިންޓްރެސްޓް ރޭޓުގައި ބޮންޑެއް ވިއްކާފަ އެވެ. ފިނޭންސުގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.