އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެ މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހާދީފައި ވަނީ އިއްޔެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު އަވަސްއަށް ވިދާޅުވި އެވެ.
އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މި އިންޒާރާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ އިތުރަށް ވަނީ ވަރުގަދަ ކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރި ކަމަށް ބުރޫ އަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް ނޫސްތަކުން މަައުލޫމާތު ފަތުރަމުންދާ ކަމަށާ އެކަމާ ހިތާމަ ކުރާ ކަމަށެވެ.