ޖިންސީ ފުރައްސާރަ

ޖިންސީ ގޯނާ ހުއްޓުވަން މަޖިލީހަށް ގަރާރެއް

ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މި ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހި މުޖްމަތަމައުގައި އިތުރުވަމުންދާ ކަމަށެވެ. އަދި އަންހެނުންގެ ރައްކާތެރި ކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުންދާ ކަމަށެވެ.

"ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕް ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރު ވަމުން ދާތީ އާއި އަދި މިކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރި ކަމާއި ނާމާންކަން ދަނީ އިތުރުވަމުން" ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފާއި ފަރުވާ ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހަައްގު އަދަބު ދިނުން އަވަސް ކުރެވޭނެ ގޮތް ހޯދައިދޭން އޭނާ ގޮވާލެއްވި އެވެ.