ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުނު ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެތެރެއިން ތިން މީހުންނަކީ ލަންކާގެ ރައްޔިތުންނެވެ. ހަތަރު ވަނަ މީހާ އަކީ ދިވެއްސެކެވެ. އެމީހާގެ އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުނާއެކު މިމަ އްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތަށް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
ލަންކާ ފުލުހުން ބުނީ ދިވެހި މީހާއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ތިން މަސް ވަނީ ވެފަ އެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ކުޑަކުއްޖާއަކީ ދިވެހި ކުއްޖެއް ކަމެއް، ލަންކާގެ ކުއްޖެއް ކަމެއް ސާފެއް ނުވެއެވެ.
ސްރީލަންކާގާއި ދިވެހިންގެ 16،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.