ސްރީލަންކާ

އަޝްމަލީގެ ބަންދަށް މުއްދަތު ޖަހައިފި

Jul 5, 2021

ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށްވެސް ވަނީ މުއްދަތު ޖަހާފައެވެ. އޭގެ ތެރެއިން އަޝްމަލީގެ ބަންދަށް ވަނީ 14 ދުވަސް ދީފައެވެ.

ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އަޝްމަލީ ހައްޔަރުކުރިކަން ހައި ކޮމިޝަނުން ވަނީ ޔަގީންކޮށްދީފައެވެ.

ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުނާއެކު މިމައްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތަށް ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިން ކަމަށެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ތިން މަސް ވަނީ ވެފަ އެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ކުޑަކުއްޖާއަކީ ދިވެހި ކުއްޖެއް ކަމެއް، ލަންކާގެ ކުއްޖެއް ކަމެއް ސާފެއް ނުވެއެވެ.

ސްރީލަންކާގާއި ދިވެހިންގެ 16،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ.