ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ފުރަތަމަ ޖަހަން ފެށި އިންޑިއާގެ ސީރިއަމް އިސްޓިޓިއުޓްގެ "ކޮވިޝީލްޑް" ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ޓޯކެން ދޫކުރާނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިހާރު ޖަހައިދޭން ފަށައިފައިވާއިރު އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދޭނީ ހަމައެކަނި ކިއުބީ އެޕުން ކަމަށެވެ.
ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒަށް މިހާރު ހުޅުވާލާފައި ވަނީ ފެބްރުއަރީ އެއްވަނަ ދުވަހުން މާޗް 15 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ދެ ވަނަ ޑޯޒް ޖަހައިދިނުމަށް އެޗްޕީއޭ އިން އިސްވެ ގުޅައިގެން އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހައި ދިނުން ވަގުތީ ގޮތުން ހުއްޓާލީ މެއި ހަތަރުވަނަ ދުވަހު އެވެ. ވެކްސިނަށް ރާއްޖެ ޖެހުނީ އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ވެކްސިން ފޯރުކޮށް ދިނުން ހުއްޓާލުމާއި ގުޅިގެންނެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދެމުން ގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަން ދީގެން ކަމަށެވެ. އެޕޮއިންޓްމަންޓް ލިބޭ ހުުރިހާ މީހުންވެސް ކަނޑައަޅާފައިވާ ސެންޓަރުތަކަށް ގަޑިއަށް ދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިތުރަށް ބުނީ އެއްވެސް ވެކްސިން ސެންޓަރަކުން މިވަގުތު އޮންލައިންކޮށް ނުވަތަ އެޗްޕީއޭއިން އިސްވެ ގުޅިގެން ނޫން ގޮތަކަށް ވެކްސިން ޖެހުމަށް ޓޯކެން ދޫކުރަމުން ނުދާނެ ކަމަށެވެ.