ދިއްގަރު

ދިއްގާ ގަސް ކޮށާލައި ގޮފިތައް ނީލަމަށް

މ. ދިއްގަރު ސްކޫލުގެ ގޯތި ތެރޭގައި ހުރި ދިއްގާ ގަހެއް ކޮށުމަށްފަހު އެ ގަހުގެ ގޮފިތައް ނީލަން ކިއުމަށް އެ ސުކޫލުން އިއުލާން ކޮށްފި އެވެ.

ދިއްގަރު ސުކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޖުލައި 13ވާ އަންގާރަ ދުވަހުގެ ހަވީރު 4:30 ގައި ގަހުގެ ގޮފިޔައް ނީލަން ކިޔަން ފަށާނެ އެވެ. އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްކޫލަށް ހާޒިރުވުމަށް ވެސް އެދިފައިވެ އެވެެ.

"އަޅުގަނޑުމެން މިކަންތައް ކޮންމެ އަހަރަކުވެސް ކުރަން. ސްކޫލު ގޯތިތެރެ ސާފުކޮށް ބޭއްވުމަށް ކުރާ ކަމެއް މިއީ،" ނީލަމާއި ގުޅިގެން އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ދިއްގަރު ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދިއްގާ ގަހަކީ ގިނަ ދުވަސް ވުމުގެ ސަބަބުން ވަރަށް ބިޔަވެފައި ހުރި ގަހެކެވެ. އަދި އެ ގަހުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް އެކިފަހަރުމަތިން ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. މިސަބަބާއި ގުޅިގެން އެސްކޫލުން މިހާރު ވަނީ ގަސް ނެގުމަށް ނިންމާފަ އެވެ.

މީގެ ކުރިންވެސް ދިއްގަރު ސްކޫލުން ވަނީ މިގޮތައް ގަހުގެ ގޮފިތައް ދަރުގެ ގޮތުގައި ވިއްކާފަ އެވެ. އަދި އެގޮތުން ލިބޭ ފައިސާ މަނިޓަރީ އޮތޯރިޓީގައިވާ ސަރުކާރުގެ އެކައުންޓަކަށް ޖަމާ ކޮށްފައިވެ އެވެ. މިފަހަރުވެސް ނީލަމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިންވެސް އަމަލުކުރި އުސޫލުގެ ތެރެއިންނެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި މިފަދަ ނީލަންތަކުގައި އާންމު ގޮތެއްގައި އެ ރަށުގައި މަސްކައްކާ ކުންފުނި ތަކުން ބައިވެރިވެ އެވެ. އަދި މިފަހަރުވެސް އުއްމީދު ކުރަނީ އެ ކުންފުނިތަކުން ނީލަމުގައި ބައިވެރިވުން ކަމަށްވެސް ވިދާޅުވި އެވެ.

މި ނީލަމުގައި ބައިވެރިވެ ތަކެތި ނަގާ ފަރާތްތަކުން އެންމެ ލަސްވެގެން އެއް ގަޑިއިރު ތެރޭގައި ފައިސާ ދައްކަން ޖެހެ އެވެ. އަދި އެންމެ ލަސްވެގެން ތިންދުވަސް ތެރޭގައި ތަކެއްޗާ ހަވާލުވާން ޖެހޭނެ ކަމަށްވެސް ދިއްގަރު ސްކޫލްގެ އިއުލާންގައި ވަނީ ބުނެފަ އެވެ.