ސްޓެލްކޯގެ އިންޖީނުތަކާއި ދުންހޮޅިތަކާއި ތެޔޮ ތާނގީތައް މީހުން ދިރިއުޅޭ ސަަރައްދާ މާ ކައިރީގައި ހުރެ، އާންމުނަށް އުނދަގޫވާތީ އެ މައްސަލަ ހައްލު ކުރަން މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އެ ގަރާރު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖޮއިންޓް ކޮމިޓީ އަކަށް ފޮނުވައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 41 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. އަދި އެއް މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ގަރާރު ބަލައިގަތުމަށް ފާސްވުމުން ގަރާރު އިތުރަށް ދިރާސާކުރުމަށް ފޮނުވަން ނިންމީ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖްގެ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކަށެވެ.
ގަރާރު ހުށަހެޅުއްވި މީކާއީލް ވިދާޅުވީ ސްޓެލްކޯގެ ޖެނެރޭޓަރުތައް މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރު ރާސްތާ އާއި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭނެއް ސްޓެލްކޯގެ ފަރާތުން އެކުލަވާލައި އެކަމަށް ތާވަލެއް ކަނޑައަޅަން މީކާއިލް އެދިވަޑައިގެންފައިވެ އެވެ.
ކުރު ރާސްތާގެ ޕްލޭންގައި މާލެ - ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓް ވީއެންމެ އަވަހަށް ނިންމާ މިހާރު ބޭނުން ކުރަމުންދާ ވަގުތީ ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓާލާ އެ ސަރަަހައްދުން ނަގަން ހުށަހަޅުއްވާފައިވެ އެވެ. މެދުރާސްތާގެ ޕްލޭންގައި ސްޓެލްކޯ ކައިރީގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއްތޯ ބަލައި މާލޭގެ ބޮޑު ބަޔަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ އަދި އެ ހަކަތަައަށް ބަރޯސާވާ ތަނަކަށް ބަދަލުކޮށް ވަގުތީ ގޮތުން މާލެއަށް ކަރަންޓު ދޭން ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓްކުރުން އެއީ ކުރެވިދާނެ ކަމެއްތޯ ދެނެގަތުމަށް ހުށަހެޅުއްވެވި އެވެ.