މާލޭގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޑޭ ކެއާގެ ހިދުމަތް ދޭނެ ތަނެއް ގާއިމުކުރުމަށް މާލެއިން ޖާގައެއް ލިބިފައިނުވާ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ސްޓްރެޓިޖީކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރެއިން މާލޭގައި ޑޭ ކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ހެދުމަށް މިނިސްޓްރީން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2021 އިން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކަމާ ގުޅުންހުރި އެކި އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑޭ ކެއާ ސެންޓަރު ގާއިމުކުރަން މާލެއިން ޖާގަ ނުލިބުމުގެ ސަބަބުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް [އޭޑީބީ]ގެ ހިލޭ އެހީގައި ފަށާފައިވާ "ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް" (އެސްޖީއައިއައި) ޕްރޮޖެކްޓުގައި ހިމަނައިގެން ޑޭ ކެއާގެ ހިދުމަތް ދޭން މާލޭގައި ތަނެއް ގާއިމުކުރުމަށް ކުރި މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ މަގު ބަންދުވެ އެސްޖީއައިއައި ޕްރޮޖެކްޓުން މަސައްކަތް އުނިކޮށްފައިވާ ކަމަށެވެ.
ވަޒީފާ އަދާކުރާ މައިންބަފައިންނަށް ވަޒީފާއަށް ނުކުންނަން ޖެހުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމަށް ބޭނުންކުރެވިދާނެ އެހެން ގޮތްތައް ދިރާސާކޮށްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން "ޗައިލްޑް ކެއާ ސްޕޭސް" ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު މިއަހަރުގެ އޮގަސްޓް މަހު މަޝްވަރާކުރެވުނު ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ތަންފީޒުކުރުމަށް މަޝްވަރާ ކަރުދާހެއް ހުށަހެޅުނު ކަމަށާއި ކަރުދާހުގައިވާ ކަންކަން ތަންފީޒުކުރުމަށް ސޯޝަލް ކައުންސިލުން ލަފާދީފައިވާ ކަމަށެވެ.
"ޗައިލްޑް ކެއާ ސްޕޭސް" ގައި ހުންނަން ޖެހޭ ފެންވަރު ތައްޔާރުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ތަންތަން ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންދާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަޝްވަރާއިން މިއަހަރު "ޗައިލްޑް ކެއާ ސްޕޭސް"ގެ ހިދުމަތް ސްޓެލްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ގާއިމުކުރާނެ ކަމަށް އެކުންފުނިތަކުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ޑޭ ކެއާ ސެންޓަރެއް ގާއިމުކުރުމަށް މިއަހަރުގެ ބަޖެޓުގައި ޕްރީޑެންޓަރިން މަޝްރޫއެއްގެ ގޮތުގައި މަޝްރޫއެއް ހިމަނާފައިވެ އެވެ. އެ މަޝްރޫއަށް 1.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.