މާލެއާއި ރަށްރަށުގައި ސްޓެލްކޯ އާއި ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ނަގާ އަގު، ހަމަހަމަ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވައިދެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޝިޔާން އެވެ.
ގަރާރު ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ މާލެއާއި ރަށްރަށުގައި ދޭ ކަރަންޓްގެ ހިދުމަތުގެ އަގު ތަފާތުކޮށްފައިވާއިރު ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ ކަރަންޓްގެ ހިދުމަތަށް ނަގާ އަގު މާބޮޑަށް ވެސް ބޮޑު ކަމަށް ބުނެ ވިޔަފާރި ކުރާ ފަރާތްތަކުން އަބަދު ޝަކުވާކުރާ ކަމަށެވެ. މީގެތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި ބަލައި ގެސްޓްހައުސްތަކާއި ޑައިވްސެންޓަރުތަކާއި ހޮޓާ ރެސްޓޯރެންޓް ތަކުން ނަގާ އަގު ބޮޑުވުމުން ވިޔަފާރި ތަރައްގީކުރަން ދަތިވެފައިވާ ކަމަށް އެފަރާތްތަކުން ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
"ވިޔަފާރިތައް ހިންގަމުން ގެންދަނީ ގެއްލުމުގައި. އެ ތަފާތުކުރުން ނައްތާލައި ހަމަހަމަކުރުމަށް އެކިއެކި ފޯރަމްތަކުގައި ވަކާލާތުކޮށްގެން ކަންބޮޑުވުންތައް އަބަދުމެ ދަނީ ފާޅުކުރަމުން،" ޝިޔާން ވިދާޅުވި އެވެ.
ގަރާރުގައި ވަނީ ކަރަންޓްގެ ހިދުމަތަށް އަގު ނަގާ ގޮތުގެ ބައެއް ތަފްސީލްތައް ވެސް ހިމަނާފަ އެވެ. އެގޮތުން ގަރާރުގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި އެވެ. އެކަމަކު ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދޭ ކަރަންޓްގެ ހިދުމަތަށް އެ ޔުނިޓްތަކަށް ނަގަނީ ހަ ރުފިޔާ ކަމަށް ފާހަގަކޮށްފައިވެ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި އެ ރޭޓް ހުރީ 3.35 ރުފިޔާ އެވެ.
މާލެއާއި ރަށްރަށުގައި ސްޓެލްކޯ އާއި ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ނަގާ އަގު ހަމަހަމަ ނުކުރެވޭނަމަ ރަށްރަށުގައި ހިންގާ ވިޔަފާރިތަކުން ނަގާ ޓެކްސް ކުޑަކުރަންޖެހޭ ކަމުގައިވެސް ޝިޔާން ވިދާޅުވި އެވެ. އަދި މިމައްސަލައަށް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން އަވަސް ހައްލުތަކެއް ހޯދަން އޭނާ ގޮވާލެއްވި އެވެ.
"އޭރުންވެސް ކަރަންޓްގެ އަގު ބޮޑުވުމާ ގުޅިގެން މިއުޅޭ ކަންބޮޑުވުންތަކަށް ހައްލެއް އައުމަކީ ވެދާނެ ކަމެއް،" ޝިޔާން ވިދާޅުވި އެވެ.
މިގަރާރަށް މަޖިލީހުގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ ގަރާރުގައިވާ މައްސަލައަށް ތާއީދުކުރައްވާފަ އެވެ. އަދި ހިދުމަތް ދިނުމުގައި ތަފާތު ނުކުރަން މެންބަރުން ގޮވާލެއްވި އެެވެ.