ހުޅުމާލޭގައި ވިޔަފާރި ކުރަން ބޭނުންވާ ތަފާތު ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދޭން އިމާރާތް ކުރަން ފެށި ޝޮޕިން މޯލްގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަނެއްކާވެސް މަސައްކަތް ފަށައިފި އެވެ.
ފަސް ބުރިއަށް، މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އަދި މިހާރު ތަފާތު ވިޔަފާރިތައް ކުރައްވަމުން ގެންދަވާ އާމިރު މަންސޫރު ހަދާ މި އިމާރާތަކީ ފިހާރަތަކާއި، ރެސްޓޯރެންޓުތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ލިބޭ ގޮތަށް ހަދާ ކޮމާޝިއަލް ބިލްޑިންގެކެވެ. އިމާރާތުގައި ބުކް ޝޮޕެއްގެ އިތުރުން ދަރިވަރުންނަށް ބޭނުން ވެދާނެ ތަފާތު ބުއިންތަކާއި އައިސްކްރީމު ފަދަ ތަކެތި ލިބޭނެ ގޮތް ވެސް ހުންނާނެ އެވެ.
މި އިމާރާތުގެ މަސައްކަތް ފެށީ މި އަހަރުގެ ކުރީ ކޮޅުގަ އެވެ. ނަމަވެސް މަސައްކަތް މެދުކަނޑާލަން ޖެހުނީ ކޮވިޑްގެ ހާލަތު ގޯސްވެެގެނެވެ. ނަމަވެސް މިހާރު ކޮވިޑް ފިޔަވަޅުތަކަށް ލުއި ދިނުމުން މަސައްކަތް ވަނީ ފަށާފަ އެވެ. އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޓްރަސްޓް އެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.
ހުޅުމާލޭ ރެހެންދި ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހަދާ މޯލްގެ މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތްތަކެއް ނިންމާނެ ކަމަށެވެ.
"މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މި އިމާރާތް އަންނަ އަހަރު ނިމޭނެ އަދި ބޭނުން ކުރަން ފެށުމުން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބޭނެ،" އާމިރު ވިދާޅުވި އެވެ.
މަސައްކަތެއް ނިމޭއިރު ގާތްގަނޑަކަށް 48 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ. މި އިމާރާތުގެ ބިން އެޗްޑީސީން އާމިރަށް ކުއްޔަށް ދީފައިވަނީ 21 އަަހަރަށެވެ.