މެސީ

ދުނިޔޭގެ އެންމެ ދަށް ޓީމުން މެސީއަށް ހުށަހެޅުމެއް

މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއާ ލިއޮނެލް މެސީއަށް ދުނިޔޭގެ އެންމެ ދަށް ކްލަބުން ހުށަހެޅުމެއް ފޮނުވައިފި އެވެ.

މެސީއަށް މި ހުށަހެޅުން ފޮނުވާފައި ވަނީ ބްރެޒިލްގެ އައިބިސް ކިޔާ ޓީމަކުންނެވެ. މި ޓީމަކީ އެއްވެސް މެޗަކުން މޮޅު ނުވެ ތިން އަހަރާއި 11 މަސްދުވަސް ވެފައިވާ ކަމަށް ދުނިޔޭގެ ރިކޯޑު ފޮތަށް އަރާފައިވާ ޓީމެކެވެ.

އައިބިސް އިން މެސީއަށް ހުށަހަޅާފައި ވަނީ ވަރަށް ތަފާތު ހުށަހެޅުމެކެވެ. އެގޮތުން 15 އަހަރު ދުވަހުގެ މުއްދަތަކަށް ހުށަހަޅާފައިވާ މި ކޮންޓްރެކްޓްގައި ބްރެޒިލްގެ ލެޖެންޑް ޕެލޭއަކީ އާޖެންޓީނާގެ މެރެޑޯނާއަށް ވުރެ މޮޅު މީހެއް ކަމަށް މެސީ އެއްބަސްވަން ޖެހޭނެ އެވެ. އަދި ކްލަބާއި އެކު އެއްވެސް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފި ނަމަ ކޮންޓްރެކްޓް ބާތިލު ވާނެ އެވެ.

އަދި މިހިސާބުން ނިންމާލެވޭކަށް ނެތެވެ. މެސީއަށް ހުޅަހެޅި މިލިޔުމުގައި އޭނާއަށް 10 ނަންބަރު ޖާޒީ ނުލެވޭނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން 10 ނަންބަރު ޖާޒީ ލާނީ އެޓީމުގެ މައުރާ ޝޭމްޕޫ ކަމަށްވެސް އެލިޔުމުގައިވެ އެވެ.

މެސީގެ ކޮންޓްރެކްޓް އާކުރުމަށް ބާސާއިން އަންނަކީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮންޓްރެކްޓް އާކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ޔަގީން ނުވެ އެވެ. މިކަމާއި ގުޅޭ ގޮތުން މެސީގެ ފަރާތުން އަދި އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ.

މިފަދަ ދަނޑިވަޅެއްގައި އައިބިސްގެ މިހުށަހެޅުމަކީ ފުރައްސާރައެއް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމަކަށް ވެދާނެ އެވެ. މިހާރުގެ އިތުރުން އެންމެ ފަހުން މިދިޔަ ޓްރާންސްފާ މާކެޓުގައި ވެސް މެސީގެ ޓްރާންސްފާ ޑްރާމާ އޮތީ ވަރަށް ބޮޑުވެފަ އެވެ.