އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ގުޅޭ ގޮތުން ނޫހެއްގައި ޝާއިއުކުރި ލިޔުމެއްގެ މައްސަލަ ބެލުމަށް މީޑިއާ ކައުންސިލުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދުނު މައްސަލާގައި ލިޔުމުން ޖަބާބުދާރީވާން މީޑިއާ ކައުންސިލަށް ކޮމިޓީން އަންގައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މީޑިއާ ކައުންސިލްގެ މެންބަރުން ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ނޫހުގައި އޮތް މައްސަލަ އޭނާ މީޑިއާ ކައުންސިލަށް ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އޭނާގެ ސަމާލުކަމަށް ގެންނެވުމުން ކަމަށެވެ. މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅޭ މައްސަލައެއް މަޖިލީހުގެ މެންބަރަކު ކޮމިޓީގެ ސަމާލުކަމަށް ގެނެސްފިނަމަ އެކަމެއް ބެލުމަށް މީޑިއާ ކައުންސިލުގައި އެދުމަކީ އެ ކޮމިޓީން އަބަދުވެސް އަމަލުކުރަމުންދާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްވަމުން އަމިއްލަ މެންބަރެއް ކަމުގައިވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ވިދާޅުވީ އިންޑިއާ ހައިކޮމިޝަނުގެ މަތީ މަގާމުގައި ހުންނެވި ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މުގައްރިރަށް ގުޅުއްވައިގެން މައްސަލައެއް ބައްލަވަން ހުށަހެޅުއްވަމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އުޝާމް އެހެން ވިދާޅުވުމާ އެކު ރައްދުދެއްވާ ރޮޒައިނާ ވިދާޅުވީ ހައިކޮމިޝަންގެ އެއްވެސް ބޭފުޅަކު އޭނާއަށް ގުޅުއްވާ މައްސަލަ ބެލުމަށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އޭނާގެ އަރިހުގައި މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގަތީ މެންބަރު ހުސައިން ޝަހީމް ކަމަށެވެ.
ރޮަޒައިނާގެ އެގޮތަށް ވިދާޅުވުމުން އުޝާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކައުންސިލަށް ފޮނުވި ސިޓީގައި އޮތީ، ނުރަސްމީ ސިފައެއްގައި އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ހުށަހެޅުއްވި ޝަކުވާއެއް ބަލައިދޭ ވާހަކަ ކަމަށެވެ. ރޮޒަައިނާއަށް އެކަން އެނގިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ގައުމު ތަކުގައި ތިއްބަވާ ޑިޕްލޮމެޓުންނަކީ އިމްތިޔާޒުތަކެއް ލިބިވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމުގައިވީ ނަމަވެސް އެ ބޭފުޅުން އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ބައިނަލްއަގުވާމީ އުސޫލުތަކެއް ހުންނަ ކަމުގައިވެސް ވިދާޅުވި އެވެ.
"ޑިޕްލޮމެޓިކް ޗެނަލް ނޫން ގޮތަކަށް އަންނަ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު މި ދެކޮޅު ހަދަނީ މައްސަލަ ބަލާކަށް ނޫން. މައްސަލަ އައި ގޮތުގެ ޗެނަލް މައްސަލަ އަކީ،" އުޝާމް ވިދާޅުވި އެވެ.
ކޮމިޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ހުރުމާ ގުޅިގެން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ހުށަހެޅުއްވީ މީޑިއާ ކައުންސިލާ ހަމައަށް މައްސަލަ ގެންދިއުމުގެ ކުރިން ކޮމިޓީގެ މެންބަރުންގެ ހިޔާލު އެއްގޮތް ކުރުމަށެވެ.
އެކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ މެންބަރު ހުސައިން ޝަހީމް އެދިވަޑައިގެންނެވި ގޮތަށް މީޑިއާ ކައުންސިލުން ލިޔުމުން ޖަވާބުދާރީވާން ކޮމިޓީގެ މެންބަރުންނަށް ކުރިން އެއްބަސްވެވިފައިވާތީ މައްސަލަ އެގޮތަށް ކުރިއަށް ގެންދަވާނީ ކަމަށެވެ.