ހަބަރު

21 މައްސަލައެއް މި ދަނީ ބަލަމުން: ސީއޯއޯ

ޗިލްޑްރެންސް އޮމްބަޑްސް ޕާސަންގެ އޮފީހުން މިދިޔަ ޖޫން މަހުގެ ނިޔަލަށް 21 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން އަވަސްއާ ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކި ފަރާތްތަކުން އެ އޮފީހަށް ހުށަހެޅި އެ މައްސަލަތަކުގެ އިތުރުން އެ އޮފީހުން އިސް ނަގައިގެން މިހާތަނަށް ހަތް މައްސަލައެއް ބަލަ އެވެ.

ދައުލަތުގެ ފަރާތުން ބަލަހައްޓަމުންދާ ކުއްޖެއްގެ ހައްގަކަށް އުނިކަން އައި ނުވަ މައްސަލައެއް ވެސް ބަލަ އެވެ. އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަަކައި ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ހަތަރު މައްސަލައެއް ބަލަ އެވެ.

މީގެ އިތުރުން ކުދިންގެ ބެލެނިވެރިކަން ވަކި ފަރާތަކާ ހަވާލު ކުރުމާއި ކުދިންނާ ބައްދަލުވުމުގެ ފުރުސަތު މަންމަ ނުވަތަ ބައްޕައަށް ނުލިބޭ ފަސް މައްސަލައެއް ހުށަހަޅާފައިވާއިރު، ކުށަށް އަރައިގަތުމުގެ އިހުތިމާލް އޮތް ކުއްޖަކު ކުށަށް އަރައިގަތުމުން ރައްކާތެރި ކުރުމަށްޓަކައި ދައުލަތުގެ އިދާރާއަކުން އިހުމާލުވެފައިވި މައްސަލައެއް ވެސް ބަލަ އެވެ.

ކުޑަ ކުއްޖެއްގެ ފުރާނަ ދިޔުމާ ގުޅޭ ދެ މައްސަލައަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ ކަމަށް އެ އޮފީހުން ބުންޏެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ބޭސްލައިން ސްޓަޑީ ހަދަން ފަށައިފައި ވެއެވެ. މިހާތަނަށް އޮތޮޅުތަކުގެ ތެރޭގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް މަސައްކަތް ކުރި އިރު އޭގެ ތެރޭގައި ފުވައްމުލަކާއި ގދ. ތިނަދޫ އާއި އޭދަފުއްޓާއި މާފަރާއި ހިމަންދޫ ހިމެނެ އެވެ.