ދުނިޔެ

އީރާގު އެމެރިކާ އެމްބަސީ މަތިން ޑްރޯނެއް ވައްޓާލައިފި

އީރާގުގައި ހުންނަ އެމެރިކާ އެމްބަސީގެ ފުރާޅުމަތިން ދަތުރުކުރި ހަތިޔާރުއެޅި ޑްރޯނެއް އެމެރިކާ ސިފައިން ވައްޓާލައިފި އެވެ. އީރާގުގައި ސުލްހަ ބަލަހައްޓަން ތިބި އެމެރިކާ ސިފައިންނަށް މިހާރު ބާރު ބޮޑުވެގެން އުޅެނީ ހަނގުރާމަވެރިންގެ ހަތިޔާރު ގުދަންތަކެއް އެމެރިކާއިން ގޮއްވާލުމުންނެވެ.

އެމެރިކާއިން ބަޣުދާދުގައި ކަނޑައަޅާފައި އޮންނަ ގްރީން ޒޯނަށް ޑްރޯން ވަނުމާއެކު އެމެޖެންސީ ބަރުގޮނު އަޅަން ފެށި އެވެ. އެއީ ކަމެއް ހަމައިން ނައްޓައިފިކަން އެންގުމަށް ގޮވާލުމެވެ. ޑްރޯން ވައްޓާލާފައި ވަނީ އެއަށް ފަހު އެވެ.

އީރާގާއި ސީރިއާ ބޯޑަރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތައް މިހާރު މުޅި އިރާގަށް ފެތުރިގެންފައި ވާއިރު އީރާގުގައި ތިބި އެމެރިކާ ސިފައިންގެ ގައިގައި ކުދި ވިކުން ވިކާނެ ކަމަށް އެ ގުރޫޕްތަކުން އޮތީ ދިމާއަށް ބުނެފަ އެވެ. އެމެރިކާ ސިފައިން ހަތިޔާރު ގުދަންތައް ގޮއްވާލުން އެއީ ހެދުނު ވަރަށް ބޮޑު ގޯހެއްކަން ސާބިތު ކޮށްދޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެމެރިކާއިން ހަނގުރާމަވެރިންގެ ހަތިޔާރު ގުދަން ގޮއްވާލި ފަހުން މިއީ އެމެރިކާ ސިފައިންނަށް ހަމަލާތައް އަމާޒުކުރި ދެވަނަ ފަހަރެވެ. ގްރީން ޒޯނަށް ޑްރޯން ވަދެގަތް ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެއެވެ.