ޓޫރިސްޓް އެރައިވަލް

ޓޫރިސްޓު އެރައިވަލް މިލިއަން ނަމްބަރާ ދިމާއަށް

މި އަހަރު ރާއްޖޭން ކަނޑައަޅާފައި ޓާގެޓަކީ އެއް މިލިއަން ޓޫރިސްޓުން ހަމަކޮށް، ނުވަތަ 1.5 މިލިއަން ގެނައުމެވެ. މި އަދަދު ހަމަ ކުރަން ބޭނުންނަމަ "ޓޫރިސްޓް އެރައިވަލް" ނުވަތަ ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 2،000 އަށްވުރެ މަތި ކުރަން ޖެހެ އެވެ. ޓޫރިޒަމްގެ މިހާރު ހިސާބުތަކުން މި އުޖާލާ މަންޒަރު ފެންނަ ފަށައިފި އެވެ. މިހާރު ޑެއިލީ އެރައިވަލް 3،000 އަށް މިވަނީ އުފުލިފަ އެވެ. އެހެންވެ މިހާރު ރާއްޖެ ދަތުރު ކުރަމުންދަނީ އެއް މިލިއަން ޓޫރިސްޓުންގެ ނަމްބަރާ ދިމާލަށެވެ.

ކޮވިޑް-19 އިގެ އިންޑިއާ ވޭރިއަންޓް ރާއްޖޭގައި ފެތުރި އުފެދުނު ދެވަނަ ރާޅާ ގުޅިގެން ނަމްބަރުތައް މަތި ވެގެން ދިއުމުން ޓޫރިސްޓު އެރައިވަލް 1،500 އަށް ވެއްޓުމަށްފަހު، އަލުން ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އެޅުމާއެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެއާ ހަަމައަށް މި މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ އެއްވަނަ ދުވަހު 2،493 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިހާރުގެ އެރައިވަލް އުޅެނީ 3،223 ގަ އެވެ. މި އަދަދުގައި ހުރެއްޖެނަމަ ފަސޭހަ ކަމާއެކު އެއް މިލިއަން ޓޫރިސްޓުންގެ ޓާގެޓަށް ވާސިލްވާނެ އެވެ.

ޓޫރިސްޓު އެރައިވަލް 3،000 ގައި ހިފެއްޓިއްޖެނަމަ މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހަފުތާއަކު 18،000 ޓޫރިސްޓުން އަދި މަހަކު 108،000 ޓޫރިސްޓުން އަންނާނެ އެވެ. އަދި ގަޑިއިރަށް ބަލާނަމަ އެވްރެޖުކޮށް ގަޑިއަކު ހަތަރު ޓޫރިސްޓުން ރާއްޖެ އެތެރެވާނެ އެވެ. އަދި ހަ މަހަށް ބަލައިފިނަމަ ޖުމްލަ 648،000 މީހުން ހަމަވާނެ އެވެ. މާނައަކީ މިހާރު ރާއްޖެ އަށް އައިސްފައިވާ 521،660 ޓޫރިސްޓުންނާ އެއްކޮށް ބަލާނަމަ ޖުމްލަ 1.1 މިލިއަން ޓޫރިސްޓުން ހަމަވާނެ އެވެ - އެއް މިލިއަން ނަމްބަރު ހަމަވާނެ އެވެ.