ހަޔާތުން އެއްލޭ ކޮންމެ ސަފްހާއަކީ މުޅިން އާބާބެކެވެ. ސައުންނާއި މިޝްކާގެ ހަޔާތުގައި އެކަކު އަނެކަކަށް ޓަކައި އުޑުން ތަރިބާލައި ކުރި އިންތިޒާރު ތަކަށް ނިމުން އައީ ކައިވެނީގެ ގޮށް ޖަހާ ލެވުނު ހިސާބުންނެވެ. ކުރި ހުވަޔާއި ވަޢުދު ތަކުގެ ފޮނި ކަން އިޙުސާސް ކުރެވުނީ މިގުޅުމުގައި ސާބިތުވެ ތިއްބާ ލިބުނު ދެކުދިންނާ އެކުގައެވެ. މިހާރު އެއީ ހުރިހާ މާނައެއްގައި ވެސް ފުރިހަމަ އާއިލާއެކެވެ. ހަލުވި ކަމާ އެކު ދައުރު ވަމުންދާ ރޭދުވާ ތަކާ އެކު އެއްވެސް މައްސަލައެއް ނުޖެހި އެކުގައި ދިރި އުޅެން ލިބުނީ އެންމެ ހަތް އަހަރެވެ. ގުނި ގެންދާ ހަޔާތުގެ ސަފުހާ ތަކަށް ހަރީފް މޫސުން ހިޔަނި އަޅާލީ ސައުން އެ ކަމަށް ސަމާލު ނުވެ ހުއްޓައެވެ. ލޯބިވާ އަނބިމީހާ ސައުންގެ ހަޔާތުން ބީވެގެން ދިއުމަށް ދުވަހަކުވެސް ނޭދެއެވެ. އެހެންނަމަވެސް ތަޤުދީރުގެ ޕުލޭންގެ ކުރިމަތީގައި ކުރާ ހުރިހާ ތަދު ބީރަކަށް ނިމުންއަންނަނީ އެންމެ އެދޭ ގޮތަށް ނޫންކަން ސައުންނަށް ވެސް ޖެހުނީ ގަބޫލު ކުރާށެވެ.
ވައިގައި ހިފާފައިވާ އެފްބީއާއި ވައިބަރގެ ސަބަބުން ސައުންގެ ހަޔާތަށް ވެސް ދިޔައީ ހިޔަނި އެޅެމުންނެވެ. ބަނަވެ ކަޅުވަމުން އައި ވިލާގަނޑެއް ފަދައިން ދިރިއުޅުން ވެސް ދިއައީ ބެދެމުންނެވެ. ހަތަރު އުދަރެސް ބަނަ ވެދާ ވަރަކަށް ކޮޅިގަނޑުގެ ވައި ވެސް ދިޔައީ ގަދަ ވަމުންނެވެ. ހަޔާތުގެ ބައްތިގެ ހުޅުކޮޅު ނިވުނަ ނުދިނުމަށް ޓަކައި އެތައް ގުރުބާނީއެއް ވާންޖެހުނެވެ. އެހެންނަމަވެސް ވިދުމާއި ގުގުރުން ބާރުވާ ވަރަކަށް ނުރައްކާ، ބޮޑު ވަމުން ދާނެ ކަން މިއަދު ސައުންނަށް ވިސްނެއެވެ.
ވުމާއެކު މިޝްކާގެ ކޮންމެ ފިޔަވަޅަކަށް ވެސް ފާރަވެރި ވާން ސައުން ބޭނުމެވެ. ނަމަވެސް ދިރި އުޅުމަށް މަސައްކަތް ކުރަމުން އަނބިމީހާ އަޅާހާ ފިޔަވަޅެއް ގުނަމުން މިޒަމާނުގައި ދިއުމަކީ އެއްވެސް ފިރިއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ތެދުވެރި ވުމާއި ވަފާތެރި ވުމަކީ މީހުން ފާރައަށް ހުރެގެން މުދަލާއި ގެދޮރު ބަލަހައްޓާހެން ބަލަހައްޓަން ޖެހޭވަރުގެ ސިފައެއް ކަމަކަށް ސައުން ގަބޫލެއް ނުކުރެއެވެ. ސައުން ދެކޭގޮތުގައި ޚަޤީޤީ ލޯތް ބެއްގައި އެލޯބި ޒީނަތްތެރި ވަނީ ވަފާތެރިކަމާއި، ތެދުވެރިކަމާއި ،ދެފާރާތުން ކުރާ އިތުބާރުންނެވެ.
ރޭގަނޑު ގަޑިން ނުވައެއް ޖެހީއެވެ. މިޝްކާ އަވަދިނެތި އުޅެނީ ރީތި ވުމުގައެވެ. އެކިފުޅިން އެކި އެތި ކާއްތަމުން މޫނަށް ނަލަކަން ގެނައުމުގައި ބިޒީ ވެފައިވެއެވެ. މިޝްކާގެ ހަރަކާތް ތަކަށް ބަލަން އޮތް ސައުން ސުވާލު ކުރިއެވެ.
" ކޮންތާކަށް ދާންތިޔަ އުޅެނީ " މިސުވާލާ އެކު މިޝްކާގެ މޫނުގެ ކުލަ ފުސްވެގެން ދިޔައެވެ.
ދެބުމަ ގޮށް ޖަހައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. "އަހަރެން ދާތަނަކާއި ކުރާހާކަމެއް ސައުން ބަލާކަށް ނުޖެހޭނެ. އަހަރެންނެއް ވެސް ނުބަލަމެއް ނޫން"
މިޝްކާގެ އެ ޖާވާބާއި މެދު ސައުން ހިތްހަމައެއް ނުޖެހުނެވެ. އަދި ބުންޏެވެ.
"އަހަރެން މިހެން އަހަން ޖެހުނީ މިރޭ 9.30 އަށް އޮފީހަށް ދާން ޖެހޭތީ. އަންނާނެ އިރެއް ބަލައިލުމަށް. އެކުދިން ނިދާފައި ތިބީމަ އަދި ގޭގައި މީހަކު ނުހުންނާނެތީ. ގެއަށް އެނބުރި އަންނާނެ ވަގުތެއް ބަލައިލުމަށް އެހެން އަދި އަހާލުމަކުން މީހާގެ ޕުރެޝަރު މައްޗަށް ދާކަށް ނުޖެހެއެއް ނޫން . މިހާރަކަށް އައިސް މިޝްކާގެ ފުށުން ފެންނަ ތިޔަ އަދާތަށް މަށަކަށް ކަމަކުނުދޭ." އެހެން ބުނެ ނުނިމެނީސް ދަނޑި ވަޅަށް ބަލަން ހުރެފައި މިޝްކާ ރައްދުގައި ބުންޏެވެ.
"އަދާތައް ރަނގަޅު ގެވެހި އަނތްބެއް ހޯދީމަ ނިމުނީނޫން. މަށެއް ވެސް މިހާރަކު ބޭނުމެއް ނޫން ޝައުންނާ އެކު މިހެން ކަސްތޮޅު އެޅިގެން އަޅެއް ހެން އުޅޭކަށް. މަ ވެސް ބޭނުންވޭ ރައްޓެހިންނާ އެކު ބޭރަށް ގޮސް ވަގުތު ހޭދަ ކުރާން. އަބަދު ދަރިމުޅި ފަހަތު ލައިގެން ތަންތަނަށް ދާކަށް މަ ބޭނުމެއް ނުވޭ" މިޝްކާގެ މި ވާހަތަކުން ހިތުގެ އެންމެ ހިމަނާރު ކެނޑި ބުރިބުރި ވަމުން ދާހެން ސައުންނަށް ހީވިއެވެ.
އާބަދު ކުރަމުން އައި ދިރިއުޅުމުގެ ބިނާ އިން އެކި ގާ ވަކިވަކިން ކުދިކުދި ވެގެން ގޮސް އެ ބިނާ ބިމާ ހަމަވަމުން ދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. މިފަދަ ސުވާލަކުން ދިރިއުޅުމަށް ޓަކައި ޖެހި ގޮށް އަބަދަށް މޮހެވިގެން ދިއުމަކީ ސައުން އެދޭ ގޮތެއް ނޫނެވެ. ވުމާއެކު މިޝްކާ މަސަލަސް ކޮށް ރުޅި މަޑުކުރެވޭތޯ ސައުން މަސައްކަތް ކުރިއެވެ. މިޝްކާގެ އަތުގައި ހިފައި ގަޔާލައި ބޮނޑި ކޮށްލަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މިޝްކާ އަތް ފޮޅުވާލުމަށް ފަހު ސައުންގެ އުނގުތެރޭން ދެމި ގަނެގެން ގޮސް އެނދުމަތީގައި އޮތް އަތްދަބަސް ހިފައިގެން ގޭން ނުކުންނަށް ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ޖެހިލެއް ބާރު ކަމުން ނިދާފައި އޮތް ކުޑަ މީހާ ސިއްސައިގެން ގޮސް ތެޅިގަތެވެ. އެވަގުތު ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށް ފަހު އޫން އަޅުވާލިއެވެ. ނަސީބަކުން ކުޑަމީހާ ނުހޭލައި ނިދުމުގެ ތެރޭގައި އަނެއްކާ ވެސް ހަމަޖެހިލިއެވެ.
އޭރު ސައުންގެ ލޮލުން ކަރުނަ ނިރާލަ ނިރާލައި ހުއްޓެވެ. މިޝްކާގެ ފުށުން ފެންނަމުންދާ ނުރަނގަޅު ސިފަތަކާ މެދު ކަންބޮޑުވިއެވެ. މިޝްކާ އެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުދިންގެ ކަންކަމުގައި ފަރުވާ ކުޑަކުރުމާއި ސައުން ބޭރުން ގެއަށް އައިސް ވަންނަ ކޮންމެ ފަހަރަކު ކުރާ ކޫސަނީ ސަކުވާ ތަކުން ބޯ ފަޅައިގެން ދާވަރުވެއެވެ. މިހާރަކަށް އައިސް މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކޮންމެ ކަމެއްވެސް އާވެ ބާވާ ފަދައިން މި ކަމަށް ސައުން ދިޔައީ ހޭނެމުންނެވެ. އަދި ކައިވެނި ރޫޅުނަ ނުދިނުމަށް ކުރެވެން އޮތް ހާކަމެއް ދިޔައި ކުރަމުންނެވެ.
ނުވައެއް ޖެހީން ސުރެ ސައުން ހުރީ ހަދާނެ ގޮތަކާ މެދު ކަންބޮޑު ވެފައެވެ. ނުވަ ގަޑި ވިހި ހިނގައިފިއެވެ. ސައުންގެ ފޯނު ރިންގުވާން ފެށުމުން ފޯނަށް ބަލައިލިއެވެ. އޮފީހުން އައި ފޯނެކެވެ. އެއީ އާލިޔާގެ ފޯނެކެވެ. ހުރިހާ އެންމެން އައިސްތިބި ވާހަކައާއި ހުރިހާ ޑޮކިއުމެންޓެއް ހަމަކޮށްފައި ހުރި ވާހަކަ ބުނުމަށް ފަހު އާލިޔާ ފޯނު ކަނޑާލިއެވެ. ސައުން އެންމެ ފަހުން ނިންމީ އާލިޔާ ގެއަށް ގެނައުމަށް ފަހު އޮފީހަށް ދިއުމަށެވެ. އެހެންކަމުން އަލުން އާލިޔާއަށް ގުޅިއެވެ. އާލިޔާ ވަރަށް އަދަބުވެރިކަމާ އެކު ސައުންނާ ވާހަކަ ދައްކަމުން ދިޔައެވެ.
"ކިހިނެތްވީތޯ؟ ތިޔަ ގުޅުއްވީ އިތުރުކަމެއް ރެޑީނުވެ އޮތީ ތޯ؟"
ސައުން: "ނޫން ހުރިހާ ކަމެއް ވެސް މިހާރު ތިހުރީ ރަނގަޅަށް މިގުޅީ މީޓިންނަށް ނަވާލު ވަންނަ ގޮތަށް ހެދުމަށްފަހު އާލިޔާ މިކޮޅަށް، މިގެއަށް އައިސްދީފާ ނަންތޯ އަހާލަން."
އާލިޔާ: އާދެ! ކިހިނެއް ވީތޯ؟
ސައުން: އެއީ މިޝްކާ ކުޑަކަމަކު ބޭރަށް ދާން ޖެހިގެން ވީ ބޭރުގައި ކުޑަ ދެބެން ތިބީ ނިދާފަ. ގޭގައި މީހަކު ނެތަތީ މަޑުކޮށްލަ ދޭތޯ؟
އާލިޔާ: އާދެ! އަޅުގަނޑު މިދަނީ ނަވާލުއާއި ހުރިހާ ލިޔެ ކިޔުމެއް ހަވާލު ކޮށްލުމަށް ފަހު. ސައުން މިކޮޅަށް ވަޑައިގަންނަވާ!
އާލިޔާގެ ފުށުން މިކަހަލަ އެހީތެރިކަން ސައުން ހޯދި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ގެވެހި ދިރިއުޅު މަކަށް ހޭނިފައި ނުވާ މިޝްކާގެ ފުށުން ލިބޭ ހުސްކަން ހަމަޖައްސައި ދިނުމުގައި ގިނަ ފަހަރަށް އެހީތެރި ވަނީ އާލިޔާއެވެ.
ސްކޫލަށް ކުދިން ގެން ގޮސްދިނުމާއި އޮފީހުގެ ބައްދަލު ވުންތަކުގައި ސައުން ބިޒީ ވުމުން ދޮށީ ދަރިފުޅުގެ ޕޭރެންޓް މީޓިން ތަކަށް ދިއުން ފަދަ ކަންކަމަކީ އާއްމުކޮށް މިހާރު އާލިޔާ ކުރަން ޖެހޭ ކަންކަމެވެ. މިފަދަ ގުޅުން ތަކުގެ ސަބަބުން އެ ދެ ކުދިންގެ މެދުގައި އާލިޔާއަށް ދައްތައެއްގެ މަޤާމު ދެވި މަގުބޫލު ވެފައި ވެއެވެ. މަންމައަށް ވުރެ މާރަނގަޅަށް ބައެއް ކަންތައްތައް ކޮށްދޭ ކަމުގެ ވާހަކަ އެކުދިން ސައުން ގާތު ބުނެފައި އެ ބަހުއްޓެވެ. އެހެންވެ އޮފީސް މުއައްޒަފެއްގެ ގޮތުންނަށް ވުރެ ގާތް ރަހުމަތްތެރި އެއްގެ ގޮތުގައި އާލިޔާއާއި މެދު ސައުން ދެކެއެވެ. ވުމާއެކު އާލިޔާއާއި ސައުންގެ ގުޅުން އެކުވެރިއެއްގެ ހައިސިއްޔަތުން ދިޔައީ އިތުރަށް ފުޅާ ވަމުންނެވެ. ދިރިއުޅުމާ ވިޔަފާރީގެ ގިނަ ކަންކަމުގައި މަޝްވަރާކޮށް އެހީތެރިކަން ހޯދާ އެއް ފަރާތަކީ އާލިޔާކަމުގައި ވިއެވެ.
ސައުންނަކީ އަމިއްލަ ހިއްވަރުން ކުންފުންޏެއް ހިންގާ ހީވާގި ޒުވާނެކެވެ. ޅައުމުރުގައި ދެކެމުން އައި ވިޔަފާރީގެ ހުވަފެން ހަޤީގަތަކަށް ހެދީ އީބޭ މެދުވެރިކޮށް ފެށި އޮންލައިން ވިޔަފާރި އަކުންނެވެ. އެންމެ ފަހުން މިހާރު ސައުންންގެ ކުންފުންޏަކީ ވަކި ޚާއްޞަ ބުރޭންޑުތައް ރާއްޖެއަށް މާކެޓްކުރާ އެންމެ މަޝްޙޫރު އެއް ކުންފުންޏެވެ. މިކާމިޔާބުގެ ސިއްރަކީ ސައުންގެ ކިބައިގައިވާ ތެދުވެރިކަމެވެ. ދަތިތައް ހުރަސްކޮށް ކުރިއަށް ދިއުމަށް ކުރި ގަދަ ހިތްވަރެވެ. މީގެ އިތުރުން އަޚުލާޤީ ގޮތުން ރަނގަޅު ސުލޫކެއްގެ ވެރިއަކަށް ވުމެވެ. އެހެން މީހުންނާއި މެދު ސައުން ގެންގުޅޭ ހިތް ހެޔޮ ދީލަތި އުސޫލެވެ. މުއައްޒަފުންނާއި މެދު އޮންނަ ގާތްކަމެވެ. ވެރިޔާ ވެފައި ބޮސް ހެދިގެން އުޅުމަކީ ސައުން ބޭނުންވާ ގޮތެއް ނޫނެވެ. މުއައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ކޮންމެ ކަމެއްގައި ސައުން ދިޔައި އާއެކޭ ބުނެ ހިތްވަރު ދެމުންނެވެ. އިންސާނީ ވަޞީލަތް ބިނާ ކުރުމަށް ދިން ސަމާލުކަން މާބޮޑެވެ. ކުރެވުނު މަސައްކަތް ތަކުން ލިބޭ ނަތީޖާ ވެސް ދިޔައީ އިތުރު ވަމުންނެވެ. ކޮންމެ ފަންތިއެއްގެ މުއައްޒަފަކަށް ވެސް ސައުން އިތުބާރު ކުރެއެވެ. ހުރިހާ މުއައްޒަފުން ވެސް އެ މީހެއްގެ ޒިންމާއަށް ދިޔައި ފަރުވާތެރި ވަމުންނެވެ. ވުމާއެކު ސައުންގެ ކުރިމަތީގައި ނޫނެކޭ ބުނާ އެންމެ މުއައްޒަފެއް ވެސް ނެތެވެ. ސައުންނާ އެހެން މުއައްޒަފުންނާ ދެމެދު އާލާ ކުރެވިފައިވާ އިތުބާރާ ޔަޤީންކަން ދިޔައި އިތުރަށް ވަރުގަދަ ވަމުންނެވެ. އެހެން ކަމުން ހުރިހާ ވަގުތެއްގައި ވެސް ސައުން އެންމެ އިތުބާރު ކުރާބަޔަކީ މުއައްޒަފުންނެވެ.
މުއައްޒަފުންގެ ތެރެއިން އެންމެ ބޮޑަށްއިތުބާރު ކުރާ އެކަކީ އާލިޔާއެވެ.
މިކަން ގިނަ ފަހަރަށް މިޝްކާއަށް ބަލައި ގަންނަށް ދަތިވިއެވެ. މިޝްކާގެ ވިސްނުން ޚަރާބު ވެފައި ވިނަމަވެސް އަދި މިހާތަނަށް ސައުންގެ ވިސްނުމުގައި އެންމެ މުހިންމީ މިޝްކާއާއި ދެކުދިންނެވެ.
މިޝްކާއަށާއި ދެދަރިންނަށް ވަގުތު ދޭން ބޭނުންވާ މިންވަރަށް ވަގުތު ނުދެވޭކަން އަބަދުވެސް ސައުން ގަބޫލުކުރެއެވެ. ކޮންމެ ގޮތަކުން ވެސް ހަފުތާގެ ހުކުރު ހޮނިހިރު ސައުން ޚާއްޞަ ކުރަނީ ދަރިންނާ މިޝްކާއަށް ޓަކައެވެ. ހުކުރު ދުވަހަކީ އާއިލީ ދުވަހެވެ. ކުންފުނީގެ އެއްވެސް ކަމަކާއި ހުކުރު ދުވަހު ނުގުޅުމަށް އެހެން މުއައްޒަފުންނަށް ސައުން އޮންނަނީ އަންގާފައެވެ. އެދުވަހު ދިމާވާ ކަންތައް ތައްކުގެ ނިންމުން ނިންމާ މީހަކަށް ސައުން ހަމަޖައްސާފައި ހުންނަނީ އާލިޔާއެވެ. ވުމާ އެކު އާއިލާގެ އުފަލަށްޓަކައި އެ ދެ ދުވަސް ހޭދަކުރުމަކީ ސައުން ގަވާއިދުން ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭއާއި ރާއްޖޭން ބޭރުގެ ހިތްގައިމު މަންޒިލުތަކަށް ޒިޔާރަތް ކުރުމަކީ ސައުން ކުރާހިތުން ކުރާކަމެކެވެ. އަނބި ދަރިންނަށް އުފާ ހޯދައި ދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ސައުން އަންނަނީ ވަމުންނެވެ. (ނުނިމޭ)