ޓެރަރިޒަމް

ޓެރަރިޒަމް މަނާ ކުރުމުގެ ބިލު ކޮމިޓީއަށް

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްހަކީމް ހުށަހަޅުއްވި ބިލަކީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން އެފަރާތްތަކުގެ ބައެއް ބާރުތައް ލިބިދޭ ދާއިރާތަކުގެ ދާއިރާ އަލުން ކަނޑައަޅައި ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް އަދި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ހިންގަން ޖެހޭ ރިހިބިލިޓޭޝަންތައް ދިނުމަށް މަގުފަހިކޮށް ދިނުމެވެ.

ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 47 މެމްބަރަކު ވޯޓުދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލު ބަލައިގަތުމަށް ފަހު އެ ބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އަލަށް ގެންނަ އިސްލާހުގައިވާ ގޮތުން ޓެރަރިޒަމަށް ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލައި ހިފާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބެހެއްޓޭނެ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އަދި ބައެއް މިނިވަން މެމްބަރުން ވެސް ވަނީ އެ އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ރާއްޖޭގެ ސަލާމަތަށްޓަކައި އެ އިސްލާހު މިހާރު ގެންނަން ކޮންމެހެންވެސް މުހިންމު ކަމަށެވެ.